ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަލުން ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ބޮޗޭ ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ ބުދަ ދުވަހުއެވެ. ''ރާއްޖެއެމްވީ'' އަށް މައުލޫމާތު ދެއްވަމުން ބޮޗޭ ވިދާޅުވީ، ޕީޕީއެމްއާ އަލުން ގުޅުނީ އެ ޕާޓީއަކީ އޭނާގެ ސިޔާސީ ހަޔާތް ފެށި ޕާޓީ ކަމަށްވާތީ ކަމަށާއި، މީގެ ކުރިން ޕާޓީ ދޫކޮށް ދިޔައީ ޕާޓީއާ މެދު އެއްވެސް ރުޅިވެރިކަމެއް އޮވެގެން ނޫން ކަމަށެވެ.
ޕީޕިއެމްއާ ގުޅުނު މައިގަނޑު ސަބަބަކީ، ސަރުކާރު ޖަވާބުދާރީކޮށް ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް 2023 ވަނަ އަހަރަށް އެމަނިކުފާނު ގެނައުމުގެ މަސައްކަތް ކުރުން ކަމަށް ބޮޗޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓިކެޓްގައި 18 ވަނަ މަޖިލީހަށް އިންތިހާބުވި ބޮޗޭ އެ ޕާޓީން ވަކިވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއަށް ފަހު ޑީއާރްޕީއާ ގުޅިވަޑައިގެން އޭނާ ހުންނެވީ އެ ޕާޓީގެ ޑީއާރްޕީގެ ނައިބް ލީޑަރުގެ މަގާމުގައެވެ. ނަމަވެސް މި މަހުގެ 16 ވަނަ ދުވަހުގެރޭ ބޮޗޭ ވަނީ ޑީއާރްޕީގެ އިތުރުން އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާސްގެ ސީއީއޯ ކަމުންވެސް އިސްތިއުފާ ދެއްވާފައެވެ.
ބޮޗޭ ވިދާޅުވީ، ޑީއާރްޕީން ވަކިވީ އެއްވެސް ގޮތަކަށް ޕާޓީއާ ނުވަތަ ޖާބިރުއާ ދެމެދު މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ.