ފައިސާދީގެން ދަރިވަރުންނަށް ހަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ހަދަމުންދާ މައްސަލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުމުގައި މައިގަނޑު މަގްސަދަކީ މިހާރު ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ތަހުގީގީ އިދާރާއެއްގެ އެހީތެރިކަމާއެކު ވިޔަފާރި އުސޫލުން އެސައިންމަންޓް ހަދާ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ.
ސޯޝަލް މީޑިއާއާއި އާންމު ތަންތަނުގައި އެފަދަ ކަންކަން އިޝްތިހާރުކުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ތެރެއިންވެސް މި މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމާއި ތަމްރީންގެ ބިލު ފާސްވެ ތަސްދީގުކުރެވޭ ހިސާބުން މި މައްސަލައަށް ހައްލެއް ހޯދުމަށް މިކުރާ މަސައްކަތްތަކަށް އިތުރަށް ފުރިހަމަކަން ލިބިގެން ދާނެކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފައިސާދީގެން އެސައިންމަންޓް ހަދާ މައްސަލާގައި ފުލުހުންނާ ބައްދަލުކޮށްފައިވާއިރު، ފައިސާދީގެން ދަރިވަރުންނަށް ހަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ތައްޔާރު ކުރަމުންދާތީ ދަރިވަރުންނަށް އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެގޮތުން ދިވެހިރާއްޖޭގެ މަތީތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް މިކަންކަން މިހެން ހުރުމުގެ ސަބަބުން ދަތިތަކެއް ދިމާވެ މަތީތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓައި މަސައްކަތްކުރާ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ފަރާތުން އެކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ.