މިނިސްޓްރީ އޮފް ހޯމް އެފެއާޒުން 2018 ވަނަ އަހަރު އުސޫލާ ޚިލާފަށް ކައުންސިލްތަކަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވާ ގޮތުން ކުދި މަޝްރޫއުތަކަށް އެހީގެ ފައިސާ ދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން 2017 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އުސޫލެއް ފާސްކޮށްފައިވެއެވެ. އެ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން ރަށްރަށުގެ ކައުންސިލް އިދާރާތަަކުން ޖަމާއަތުގެ ފައިދާއަށްޓަކައި ހިންގާ މަޝްރޫއުތަކަށް އެހީ ހޯދުމަށް ޕްރޮޕޯޒަލް ހުށައެޅުމަށް އެދި މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
އޭގެ އިތުރުން، ފައިސާގެ އެހީ ދެވޭނީ ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް، އެންމެ ގިނަ މާރްކްސް ލިބޭ މަޝްރޫއުތަކަށް ކަމަށް އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. އެހެން ނަމަވެސް، 2018 ވަނަ އަހަރު އިއުލާނު ކުރުމެއް ނެތި އުސޫލާ ޚިލާފަށް މިނިސްޓްރީގެ ބަޖެޓުން ކައުންސިލްތަކަށް 5،316،657 (ފަސް މިލިއަން ތިން ލައްކަ ސޯޅަހާސް ހަސަތޭކަ ފަންސާސް ހަތް) ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުން، މި މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށްފަހު އެ މަޝްރޫއެއް ނިމުމުން އެކަމާ ގުޅޭ ރިޕޯޓް ހުށައަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާން ކޮށްފައިވީނަަމަވެސް، އެކަންވެސް އޮންނަ އުސޫލުގެ ދަށުން ކޮށްފައިނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު އެހީގެ ފައިސާއިން ކުރިއަށް ގެންދިޔަ 26 މަޝްރޫއެއްގެ ތެރެއިން 8 މަޝްރޫއެއްގެ މަސައްކަތް ނިންމަންޖެހޭ މުއްދަތުގައި ނިންމާފައެއް ނުވެއެވެ. އަދި 31 އޮކްޓޯބަރު 2019 ގައި, 2019 ގެ އޮޑިޓް ކުރިއަށް ގެންދިޔައިރުވެސް އެ މަޝްރޫއުތައް ނިންމާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން ހޯމް މިނިސްޓްރީއާއި ކައުންސިލްތަކާމެދު ސޮއި ކުރެވިފައިވާ އެމްއޯޔޫއެއްގެ ދަށުން މަސައްކަތް ނިންމުމަށް ޙަވާލު ކޮށްފައިވާ މުއްދަތުގެ 50 އިންސައްތަ ފަހަނައަޅާ ދާއިރުވެސް މަސައްކަތް ފަށާފައި ނުވާނަމަ، ފައިސާގެ އެހީ އެއްވެސް އުނިއިތުރެއް ނެތި ޙަވާލު ކުރަން ޖެހެއެވެ. އެހެން ނަމަވެސް އެފަދަ ޙާލަތްތަކުގައިވެސް މިނިސްޓްރީން އެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.