ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށައިފި އެވެ.
އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާވެސް ހިމެނެ އެވެ. އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަންވެސް އަންހެން މީހާއާއި އޭނާގެ އާއިލާއާ ޙަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށްވެސް އެ އާއިލާއިން ތުހުމަތު ކުރެއެވެ.
މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ނިންމާފައިވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ. އެގޮތުން ބުދަ ދުވަހުގެރޭ 20:30 ގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ކޮމިޓީ ބައްދަލުވުމަށް ޖެންޑަރ މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.
މިހާރު ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ އާއިލާ ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަ ކޮށްފައިވާތީ އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން ހުށައަޅާފައިވެ އެވެ. އެއާއެކު އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އެ ތަނުން ކަމަށް އާއިލާއާ ޙަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.