މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މަސައްކަތް ކުރަނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މައިނޯރިޓީ ޕާޓީކަން ދަނެގެން ކަމަށް އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމެޓީ މެމްބަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރު ކޯލިޝަނުގެ ޕާޓީތަކާއި ލީޑަރުން އެކުވެރިކަމާއިއެކު ގިނަ މަސައްކަތްތަކެއްކޮށް ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދިނީ ކޯލިޝަނަކީ ބަދަހި ކަމާއިއެކު ދެމި އޮވެވޭނެ ފޯމިއުލާއެއް ކަންކަމަށެވެ.
ރާއިދު ވިދާޅުވީ ކޯލިޝަނުގެ ހަތަރު ޕާޓީ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށާއި، ހާއްސަކޮށް ރައީސް ސޯލިހްގެ ދުރުވިސްނުމާއިއެކު ޕެންޑަމިކްގެ ހާލަތުގައި ކުރެވުނު މަސައްކަތަކީ ދަތި އެހެންނަމަވެސް ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.
ސަރުކާރު ކޯލިޝަން ދެމިއޮތުމުގެ މުހިއްމުކަމަށް އެމްއާރްއެމް އިން އެދޭކަން ފާހަގަކޮށް ރާއިދު ވިދާޅުވީ ހުރިހާ ކަމަކާއި އެމްއާރްއެމް އާއި މަޝްވަރާ ނުކުރާނެކަން އެމްއާރުއެމް އިން ގަބޫލުކުރާ ކަމަށެވެ. އެހެނަސް ގައުމީ ބޮޑެތި ކަންކަމުގައި މިހާތަނަށް އެމްއާރްއެމް އާއި މަޝްވަރާ ކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
އެމްއާރްއެމްގެ ލީޑަރު އަދި ހިންގާ ކޮމެޓީއިން ގަބޫލުކުރޭ އެމްއާރްއެމް އާއި ހުރިހާ ކަމެއްގަ މަޝްވަރާ ނުކުރާނެކަން. އެކަމަކު މިހާތަނަށް ރައީސް ސޯލިޙް އަދި ކޯލިޝަނުގެ އެހެން ލީޑަރުން ވެސް ގައުމީ ކަންކަމުގައި އެމްއާރްއެމް އާއި ވަނީ މަޝްވަރާ ކޮށްފައި. ކޯލިޝަން ދެމި އޮންނާނީ މިގޮތަށް ލީޑަރުން އެކުވެރި ކަމާއިއެކު މަޝްވަރާ ކޮށްގެން. މި ސަރުކާރުގެ ކޯލިޝަނުން ދައްކުވައި މިދެނީ ކޯލިޝަނަކީ ދެމި އޮވެވޭނެ ފޯމިއުލާއެއްކަން.އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމެޓީ މެމްބަރު މުހައްމަދު ރާއިދު
ރާއިދު ވިދާޅުވީ ސަރުކާރުގެ ހިންގުން ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، ފާއިތުވެދިޔަ ދެ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ސަރުކާރުގެ ދުވެލި އިތުރަށް ބާރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ މެދުގައި ވެފައިވާ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކުގެ މެދުގައި މަގާމުތައް ބެހިފައިވަނީ އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް، އެމްއާރްއެމް އަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ލިބޭ ގޮތަށެވެ.