ގދ. މަޑަވެލީގައި ނަރުދަމާ ގާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައިވާ މަގު ކޮނުމުގެ ހުއްދަ އެ ރަށު ކައުންސިލުން ބާތިލްކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޑަވެލީގައި ނަރުދަމާ އެޅުމަށް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެސްޖޭ ކޮންސްޓްރަކްޝަނުން އެރަށުގައި އަމަލީ ގޮތުން މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނުފެށި އޮތް މި މަޝްރޫއަކީ މަޑަވެލީ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އޮތް ކަމަކަށްވާއިރު، އެންމެ ފަހުން މި މަސައްކަތް ފެށިއިރު، މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކާއި އެކަމުގައި ގެންގުޅެންޖެހޭ މުހިންމު އާލާތްތައް އެސްޖޭ ކޮންސްޓްރަކްޝަނުގައި ނެތްކަން މަޑަވެލި ކައުންސިލުން ފާހަގަކުރެއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު ވިދާޅުވީ، އެ ރަށުގައި ނަރުދަމާ އެޅުމަށް މަސައްކަތް ކުރަމުންދާ އެސްޖޭ ކޮންސްޓްރަކްޝަނުން މަގު ކޮންނަމުން ދިއުމުގެ ސަބަބުން ކަރަންޓް ކޭބަލްތަކެއް ކެނޑި ބައެއް ގޭބީސީތަކުން އެކަމުގެ ޝަކުވާ ކައުންސިލަރުންނާއި ކުރިމަތި ކުރުވަމުންދާ ކަމަށެވެ.
އަޒަމް ވިދާޅުވީ، މީގެ 24 ވަރަކަށް އަހަރު ކުރިން އެ ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން އަޅާފައިވާ ކޭބަލް އެކި ހިސާބުތަކުން ކެނޑިފައިވާއިރު، އެސްޖޭ ކޮންސްޓްރަކްޝަނުން އެ ކޭބަލްތައް ޖޮއިންޓް ކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.
އެގޮތުން މަގުތައް ކޮންނަމުންދާއިރު، ޑިޓެކްޓަރު ފަދަ އާލާތްތައް އެ ކުންފުނީގައި ގެންގުޅެމުން ނުދާ ކަމަށާއި، އެކަމާއި ގުޅިގެން ކައުންސިލާއި މަޑަވެލި ފެނަކަ ބްރާންޗުން ސުވާލުކުރުމުން އެ އާލާތްތައް ވެސް ގެންނާނޭ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެކަމުގައި އެ ކުންފުނިން ޒިންމާ ނަގާފައިނުވާ ކަމަށާއި، އަދި ކަނޑައިގެން ގޮސްފައިވާ ކޭބަލްތައް ޖޮއިންޓް ކުރުމުގައި އެންމެ އެކަށީގެންވާ ގޮތުގައި އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާ ނުވާ ކަމަށް އަޒަމް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ފުރަތަމަ މި މައްސަލަ ކުރިމަތި ވުމުން ފެނަކަ މަޑަވެލީގެ މީހުންނާއެކު ކައުންސިލުން ބައްދަލުކުރިން. އެކަމުގައި ވީހާވެސް ބޮޑަށް ބަލައިގެން މަސައްކަތް ކުރުމަށް. ފުރަތަމަ ކަރަންޓު ކެނޑުމުން އެކަން ހައްލުކޮށްފައި ރައްޔިތުންވެސް ބޭނުންވީ ނަރުދަމާއަކީ މުޅި ރައްޔިތުންގެ ކަމަކަށްވާތީ އެކަންވެސް ބޮޑު ކަމަކަށް ނުހަދަން. އޭގެ ފަހުން އަނެއްކާވެސް ތިން ގެއަކުން ކަރަންޓު ދިޔައީ. ދެން މިވާގޮތް ބެލި އިރު ޑިޓެކްޓަރުވެސް ނެތް. މި ރަށުގައި އަޅާފައި ހުރި ކޭބަލްތަކަކީ މިހާރު އޭގެ އެއްވެސް ކުރެހުމެއް ހުރި އެއްޗިއްސެއް ނޫން.މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު
މިކަމާއި ގުޅިގެން މަޑަވެލި ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މަޑަވެލީގައި ނަރުދަމާ ގާއިމުކުރުމަށް މަގު ކޮނުމަށްޓަކައި އެސްޖޭ ކޮންސްޓްރަކްޝަނަށް ހުއްދަ ދޫކޮށްފައިވާނީ، މަޑަވެލި ފެނަކަ ބްރާންޗާއި، އެ ރަށުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ފަރާތްތަކުގެ ބެލުމުގެ ދަށުން އެތަން ތަނުން އަންގާ ގޮތެއްގެ މަތީންކަން ވެފައިވާ އިގުރާރުން އެނގެން އޮންނަ ކަމަށެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަން މަޑަވެލި ބްރާންޗުގެ ޣައިރު ހާޒިރުގައި މަގު ކޮށްނަމުންދާކަން އެ ކުންފުނިން ކައުންސިލްގައި ދެންނެވުމާއި ގުޅިގެން، ކައުންސިލުން އެކަންތައް ބެލި ބެލުމުން އެކަން ކަށަވަރުވެފައިވާތީ އާއި މަގުގައި ކޮންނަމުންދާ ކޯރުތަކުގައި ހުންނަ ފެން ކައިރީގައި ހުރި ފަޅު ގޯތިތަކަށް އެ ގޯތިތަކުގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި ހުސްކުރަމުންދާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަ ވަނީ ބާތިލްކޮށްފައެވެ.