ޒުވާނުންނަށް އަމާޒުކޮށްގެން، އދ. ގެ ތަރައްޤީއާއި ބެހޭ ޖަމިއްޔާ (ޔޫއެންޑީޕީ) ގެ އިސްނެގުމާއި އެކު، އޮންލައިން އާޓް ވޯކްޝޮޕެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔޫއެންޑީޕީ އިން ބުނެފިއެވެ.
ޔޫތް ވިޝަން (ޒުވާނުންގެ އަމާޒު) ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް، އޫރިދޫ މޯލްޑިވްސް އަދި ޔޫރަޕިއަން ޔޫނިއަން އިން ގުޅިގެން، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕް އަމާޒުކުރެވިފައި ވަނީ އުމުރުން 16 އަހަރާއި 25 އަހަރުގެ ޒުވާނުންނަށެވެ. ޑިސެމްބަރު މަހުޔ ހިންގުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުވާލުމާއިއެކު ކުރިމަގުގައި ކަންކަމުގައި އިސް ދައުރެއް އަދާކުރުމަށް ޒުވާނުން ބިނާކުރުމާއި، އަމިއްލަ ވިސްނުން ބޭނުންކޮށްގެން އިޖްތިމާޢީ ކަންކަމާ މެދު މަޝްވަރާކޮށް ޙައްލު ހޯދަން ދަސްކުރުމުގެ ހުނަރު އުނގަންނައިދިނުމެވެ.
މި ކޭމްޕްގައި ބައިވެރިވުމަށް ވަކި ހުނަރެއް ނުވަތަ ވަކި ތައުލީމީ ފެންވަރެއް ހުރުން ލާޒިމެއްް ނުކުރެއެވެ. އެގޮތުން ބައިވެރިވުމަށް ބޭނުންވަނީ އިންޓަރނެޓްގެ ޙިދުމަތް ލިބި އޮންލައިން ކްލާސްތަކާއި ގުޅޭނެ ގޮތަކަށް މަގުފަހިވެފަ ހުރުމާއިއެކު އާޓްގެ ދާއިރާއަށް ޝަޢުގުވެރިކަން ހުރުން ކަމަށް ޔޫއެންޑީޕީ އިން ވަނީ ބުނެފައެވެ.
އެއް ހަފުތާއަށް ދެމިގެންދާ މި ވޯކްޝޮޕްގައި ބޭނުންކުރުމަށް ބޭނުންވާ އާރޓް ކިޓް އަދި އިންޓަނެޓްއާއި ގުޅުމަށް ބޭނުންވާ 3ޖީ އާއިއެކު މި ވޯކްޝޮޕްގައި ކިޔަވާދޭ މާއްދާތަކަށް ބޭނުންވާނޭ އެހެނިހެން ތަކެތި ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހެދުނު 9:00 އިން ހަވީރު 6:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕް ކުރިއަށް ގެންގޮސް ކިޔަވާ ދޭނީ އާރޓްގެ ދާއިރާއިން ތަޖްރިބާ ހާސިލްކޮށްފައި ތިބި ހުނަރުވެރިންނެވެ. މިގޮތުން 2ޑީ އާރޓް، ފޮޓޯގްރަފީ، މަލްޓިމީޑިއާ، މިކްސްޑްމީޑިއާ އަދި ކްރިއޭޓިވް ރައިޓިންގްގެ ބައިތައް ވޯކްޝޮޕްގައި ހިމެނެއެވެ.
ވޯކްޝޮޕްގެ ސަބަބުން ބައިވެރިންނަށް ދިރާސާކުރުމުގެ ހުނަރު، ހިޔާލެއް ނުވަތަ ޑިޒައިންއެއް ފަރުމާކުރުން، ޑޮކިއުމަންޓް އަދި އިންސްޓަލޭޝަން އާއި ބަޔާން އަދި ތައާރަފް ލިޔުމުގެ ހުނަރު ދަސްވެގެން ދާނެ ކަމަށް ވެސް ޔޫއެންޑީޕީ އިން ވަނީ ބުނެފައެވެ.
ޔޫތް ވިޝަން ވޯކްޝޮޕްގެ އަމާޒަކީ ރައްކާތެރި މާޙައުލެއްގައި އެކަކުއަނެކަކަށް އިޚްތިރާމާއެކުމި މުޖުތަމަޢުގައި ހުރި އެކިއެކި ކަންކަމަށް އަލިއަޅުވާލާ، ވައިގެ ތެރެއަށް ނުވަތަ ޖައްވުގެ ތެރެއަށް ގެއްލިގެންދާ ބަސްތަކަކަށް ނުވެ، އެކުވެރި، މިނިވަން މާޙައުލެއްގައި ވާހަކަދައްކާ، ޚިޔާލުބަދަލުކޮށް، މަޝްވަރާކުރުމެވެ.
އެގޮތުން މި ވޯރކްޝޮޕްގައި ހިމެނެނީ ހޭލުންތެރިކުރުވުމާއި ހުނަރު ދަސްކޮށްދިނުމުގެ ސެޝަންތަކަކާއި، މި މުޖުތަމަޢުގައި ޒުވާނުން ތަޙައްމަލުކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ޙިޔާލުބަދަލުކުރުމުގެ ސެޝަންތަކެކެވެ.