ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ އަގު ކުޑަ ކުރެވޭނީ ހަކަތައިގެ ނިޒާމް އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރެވިގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ވޯލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓުގެ ދަށުން ހުޅުލެ-ހުޅުމާލެ ލިންކްރޯޑްގައި ސޯލާރ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ތައިލެންޑްގެ ކުންފުންޏަކާއިއެކު އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކަރަންޓު ބޭނުން ކުރުމުގެ ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ކަރަންޓް ބޭނުން ކުރާ މިންވަރު 8 އިންސައްތައިން 11 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. ކަރަންޓްގެ ޑިމާންޑް އިތުރުވުމާއި ގުޅިގެން ޖަނަރޭޓަރުތައް ހިންގުމަށް ޑީސަލްއަށް ކުރާ ހަރަދު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ޑީސަލްއަށް ކުރާ ހަރަދުތަކުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ 2019 ވަނަ އަހަރު އެކަނިވެސް ލަފާކުރެވޭ ގޮތުގައި 465 މިލިއަން ޑޮލަރު ރާއްޖެއަށް ޑީސަލް އެތެރެ ކުރުމަށް ހަރަދުކޮށްފައިވެއެވެ. އެއީ ޖީޑީޕީގެ 10 އިންސައްތައެވެ. އަދި ކަރަންޓްގެ އަގު ކުޑަ ކުރުމުގެ ގޮތުން ސަބްސިޑީގެ ގޮތުގައި ސަރުކާރުން އަހަރެއްގެ މައްޗަށް 65 މިލިއަން ޑޮލަރު ހަރަދު ކުރެއެވެ.
ކަރަންޓްގެ ހިދުމަތް ރައްޔިތުންނަށް އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތަށް ބަދަލު ކުރެވިއްޖެ ނަމަ މިކަމުގެ ފައިދާ ތިމާވެއްޓަށް ކުރުމުގެ އިތުރުން ކަރަންޓުގެ އަގު ވެސް ހެޔޮ ވެގެން ދާނެއެވެ.
އެގޮތުން އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި ގާއިމުކުރާ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަންއަހަރަކު ރައްކާކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެންސިސްއިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓަށެވެ. މީގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.
5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމުކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށެވެ. އަދި ޑިޒައިންކޮށްފައި ވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އެންވާރަމަންޓް މިނިސްޓަރ ޑރ. ހުސެން ރަޝީދު ހަސަން އާއި އެންސިސް ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ. އަދި މި ރަސްމިއްޔާތުގައި ސްޓެލްކޯއާ ދެމެދު ޕަވާ ޕާޗޭސް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއެވެ.