މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ޙިދުމަތް ދިނުމަށް ޓެކްސީ ސެންޓަރުތަކުން ފޯރުކޮށްދޭ ޙިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސް މިއަދު މި ވަނީ ޓެކްނޮލޮޖީގެ ތެރެއަށް މި ޙިދުމަތް ވެސް ވަދެފައެވެ.
ޓެކްސީ ހޯދަން މީގެ ކުރިން މީހުން ކުރާ މަސައްކަތައް ނިމުން ގެނުވީ އޮންލައިންކޮށް ޓެކްސީތައް ހޯދުމަށްޓަކައި ހާއްސަކުރެވިގެންދިޔަ އެޕްތަކުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ޙިދުމަތެއް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުންދާ ކެބް އެމްވީއަކީ ފިތާލާއިރަށް ޓެކްސީ، ސައިކަލް، ވޭން، ޕިކަޕް އަދި ޕްރައިވެޓް ހަޔަރވެސް ލިބޭ އެޕެކެވެ.
24 ގަޑިއިރު މިޚިދުމަތް ކެބްއެމްވީން ފޯރުކޮށްދެމުންދާއިރު ފާހަގަކޮށްލެވުނު އެއް ކަމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ޓެކްސީ ސެންޓަރު ހިންގާލެވޭ ކަމެވެ.
ޓެކްނޮލޮޖީން ކުރިއަރާފައިވާ މިޒަމާނުގައި ކެބް އެމްވީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ހަބީބް ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން އެޕްލިކޭޝަން ބޭނުންކުރަމުންދާ ކަމަށާއި ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަސްޓަމަރުންނާއި ގުޅިގެން މިޙިދުމަތް ދިނުމަށްޓަކައި ކެބްއެމްވީ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ވެސް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ފާއިތުވި އޮކްޓޯބަރ މަހު ކުރިއަށްގެންދިޔަ ޕްރޮމޯޝަނުން ނަސީބުވެރި ފަރާތަށް އެންމެ ފަހުގެ ސްމާޓްފޯނެއް ހަދިޔާކޮށްފައިވާއިރު، ނޮވެމްބަރ މަހު ކުރިއަށްދާ ޕްރޮމޯޝަންގައި އެއްދުވަހުގެ ސަފާރީ ޓްރިޕެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކެބްއެމްވީ އެޕްލިކޭޝަން މެދުވެރިކޮށް ޙިދުމަތަށް އެދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ކަމަށާއި އެގޮތުން ނޮވެމްބަރ މަހުގެ ނިޔަލަށް މިޕރޮމޯޝަން ކުރިއަށް ދާނެ ހަބީބު ވިދާޅުވިއެވެ. އަދި ކެބްއެމްވީގައި ރަޖިސްޓްރީވެ ދަތުރުކުރަން ބޭނުންވާ ޓެކްސީ ޑްރައިވަރުންނަށް ވެސް 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ސެންޓަރުގައި ހިލޭ ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަ އަހަރު ވެސް ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް އިތުރު އޮފަރތަކެއް ލިބިގެންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
ކެބްއެމްވީ ޓެކްސީ ސެންޓަރަކީ އެހެން ސެންޓަރުތަކާއި ތަފާތުކޮށް ހިންގާ ތަނެއް ކަމަށާއި އެގޮތުން ސެންޓަރަށް ގުޅާލުމާއި އެކު ކަސްޓަމަރަށް އެސްއެމްއެސްގެ ޒަރީއާއިން އެ ފަރާތަކަށް ލިބުނު ޓެކްސީގެ މައުލޫމާތު ވަގުތުން ފޯރުކޮށްދެއެވެ.
އޭގެ ސަބަބުން ސެކިއުރިޓީގެ ގޮތުން ވެސް ބޮޑެތި ފާއިދާތެއް ލިބިގެންދާނެ ކަމަށާއި އަދި ކާރު ތެރޭގައި އެއްޗެއް ބޭއްވުނު ކަމުގައިވީ ނަމަވެސް ކަސްޓަމަރަށް އެ އެއްޗެއް ހޯދުމުގައި ނުވަތަ ޑްރައިވަރަށް ވެސް އެ ރައްދު ކުރުމުގައި ފަސޭހަތަކެއް ވެގެންގޮސްފައިވާ ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.
ކެބްއެމްވީ އަކީ އެންމެ ޒަމާނީ ޙިދުމަތާއި އެކު ޓެކްނޮލޮޖީގެ ޒަރީއާއިން ޓެކްސީ ޙިދުމަތަށް ބޮޑު ބަދަލެއް ގެނުވި ސެންޓަރެއްކަން ފާހަގަކޮށްލެއެވެ.