ރާއްޖޭގައި އެންމެ އަވަހަށް އެއަރޕޯޓެއް ހަދައިދިނުމުގެ ރެކޯޑް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ އަތްޕުޅުގައި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ރެކޯޑް އަދި އިތުރަށް މުގުރާމުލުގެ ފުރުސަތު އޮތީވެސް ރައީސްގެ އަތްޕުޅުގައި ކަމަށެވެ. މިހާތަނަށް ބިން ހިއްކައިގެން އެންމެ އަވަހަށް ރާއްޖޭގައި ޤާއިމް ކުރެވުމު އެއަރޕޯޓްގެ ފަޚުރު ހޯރަފުއްޓަށް ލިބިގެންދާކަން ފާހަގަ ކުރެއްވިއެވެ.
މެމްބަރު ސަލީމް ވިދާޅުވީ ހުސްވި އަހަރުގެ މާރޗް މަހުގެ ތެރޭގައި އެ ޖަލްސާ އެތަނުގައި ބޭއްވިނަމަ ތިބޭނީ ކަރުތާފެނުގައި ކަމަށާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ނިންމާފައިވަނީ ކުޑަ މުއްދަތެއްގައި ކަމަށެވެ.
ހުސްވި އަހަރުގެ މާރޗް މަހުގެ ތެރޭގައި މި ޖަލްސާ މިތާބެއްވިނަމަ ހަގީގަތުގައި ވެސް ތިބޭނީ ކަރުތާފެނުގައި މިތަނުގައި ހިކިފައި އޮތް އެއްވެސް ބިމެއް ނޯންނާނެ. ހޯރަފުށީގެ ސައިޒަށްވުރެ ގާތްގަނޑަކަށް ދެބައިކުޅ އެއްބައި ސައިޒްގެ ބިން ހިއްކައި އެ ބިން ހަރުކޮށް އެބިން ހިމާޔަތް ކުރުމަށް ހިލަތޮށި ޖެހި އެތަނުގައި ރަންވޭއެއް އެޅި މިހިރަ ރީތި ޓަރމިނަލް ބިލްޑިންގް އިމަރާތް ކުރެވި މި ބިންފެހި ކުރެވި މިތަނަށް ބެނުންވާ ވަސީލަތްތައް ޤާއިމްކުރެވި މިހުރިހާ ކަމެއް ހިނގައި މިދިޔައީ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި.ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
މި މަޝްރޫއު ފެށިގެން އައި ދުވަސްވަރު ހަޤީގަތުގައިވެސް މިކަން ވެދާނެކަން ގަބޫލުކުރި މީހުން އެހާ ގިނަ ނޫން ކަމަށާއި، އެކަން އެހެން ދިމާވި ސަބަބެއްގެ ގޮތުގައި ސަލީމް ވިދާޅުވީ ވެރިން ރައްޔިތުން ކުރިމަތީގައި ވެވަޑައިގަންނަވާ ވައުދަކީ ބޮނޑު ނަގުލަށް ދާއެއްޗެއްގެ ގޮތުގައި މީގެ ކުރިން ވެފައިވާތީ ކަމަށެވެ.
ހުދު އަޅުގަނޑު ވެސް އަޑުއެހިން ތިކަމެއް ނުވާނޭ، ތިއީ ހަމަ ރައްޔިތުންނަށް ދައްކާ ދަޅާއެކޭ ބުނި އަޑު، އެއީ މީގެ ކުރީގައި ކަންކަން ހިނގާފައި އޮތް ގޮތުން.ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅެމުން ދާއިރުގައި މި ފާއިތުވެދިޔަ ދެ އަހަރަކީ ދެބަސްވެވެންނެތް ގޮތުގައި ދިވެހިރާއްޖެގައި އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިނގައިދިޔަ ދެ އަހަރު ކަމަށެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެ އޮތްއިރު މާޔޫސްކަން މާދާމާގެ އުއްމީދަށް ބަދަލު ކުރެއްވީ ރައީސް ސޯލިހު ކަމަށް ސަލީމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ޖެހުނު ދަތި ހާލުގައި މާޔޫސްވެ ދަތްދޮޅީގައި އަތްވިއްދާލައިގެން ތިބިނަމަ މިއަދު މިދެކޭ އުފާވެރި މަންޒަރު ނުފެންނާނެ ކަމަށް ވެރިއެއްގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅާއި ކެރިވަޑައިގަތުމާއި ރައްޔިތުންނަށް ބަހައްޓަވާ އޯގާތެރިކަމާއި ވައުދު ފުއްދެވުމުގެ އަޒުމުގައި ހުންނެވި ހުންނެވުން އެއީ މިއަދުގެ މި މަޝްރޫއުގެ ކާމިޔާބު.ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
މި މަޝްރޫއު ހިންގަވައިދެއްވިކަމަށްޓަކައި ހޯރަފުށީ ރައްޔިތުންގެ ނަމުގައި ވަނީ ރައީސްއަށާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ސަލީމް ޝުކުރު އަދާކުރައްވާފައެވެ.