ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް 18 އަހަރުވާ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނު ނަމަވެސް، އިންތިހާބުގައި ކެނޑިޑޭއްޓެ ގޮތުގައި ވާދަކުރާނެ ފުރުސަތު ހުޅުވާ ނުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ހާއްސަ ގާނޫނެއްގެ ތެރެއިން 6 މަސް ދުވަހަށް ފަސްކޮށްފައިވާއިރު، މި އިންތިހާބު މިހާރު ބާއްވާނެ ކަމަށް އިލެކްޝަނުން ބުނެފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ބައެއް މެންބަރުން ނަން އަނބުރާ ނަގަމުންދާއިރު، އެފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތްތަކަށް ވާދަކުރެވޭނެ އުސޫލެއް ކަނޑައެޅުމާ މެދު އިލެކްޝަނުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ހަމަ އެއާއެކު ދިގު މުއްދަތަކަށް އިންތިހާބު ފަސްކުރުމާ ގުޅިގެން، ވޭތު ވެގެން މިދާ ދުވަސްތަކުގައި 18 އަހަރު ފުރި، އިންތިހާބުގައި ވޯޓު ލުމުގެ ހައްގު އެތައް ރައްޔިތަކަށް ލިބިދީފައި، ހާއްސަ ގާނޫނު ބުނާ ގޮތުން އިންތިހާބުގައި ވާދަކުރުމުގެ ހައްގު މިއިން އެއްވެސް ރައްޔިތަކަށް ނުލިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ހާއްސަ ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވެސް ގާނޫނާއި ހިލާފަށް އެފަދަ ފުރުސަތުތަކެއް ހުޅުވައި ނުލެވޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، މި މައްސަލައަކީ ގާނޫނު އަސާސީގެ ތެރެއިން ރައްޔިތު މީހާއަށް ލިބިދީފައިވާ ހައްގު އުނިވާ ކަމަށް ބުނެ، ކޯޓަކަށް ހުށަހެޅިގެން ދައުވާ ކުރެވިދާނެ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ހާއްސަ ގާނޫނު ބުނާ ގޮތުން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަށް ކެނޑިޑޭޓުން އިތުރު ކުރުމާއި، އިންތިހާބުގައި ވާދަކުރުމަށް އަލުން ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިނުވާ އިރު، މިކަން ކަމަކީ އިލެކްޝަންސްގެ ގާނޫނަށް ބަދަލު ގެނެސްގެން ނޫން ގޮތަކަށް ކުރެވޭނެ ކަަންކަމެއް ނޫނެވެ.
އިލެކްޝަންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރުވެސް 80 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި، ވާދަކުރާނެ އިތުރު ފަރާތެއް ނެތުމުން އޮޓަމެޓިކުން އިންތިހާބުވާ ބައެއް ކެނޑިޑޭޓުން ވެސް ނަން އަނބުރާ ގެންގޮސްފައިވެ އެވެ.
ޝަރީފް ވިދާޅުވީ މިހުރިހާ ކަމަކީ ވެސް އިލެކްޝަންސްގެ ގާނޫނުގައި މިހާރު އޮތް ގޮތުން އެ ކޮމިޝަނަށް ބަދަލު ގެނެވޭނެ ކަންކަމެއް ނޫން ކަމަށާއި، އިންތިހާބުގެ ކުރިން މިކަންކަން ސިޔާސީ ޕާޓީތަކުން ސަމާލު ކަމަށް ގެނެސް، ގާނޫނީ އިމުގެ ތެރެއަށް އެކަންކަން ހިމެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.