ގެމެން މޮޑިއުލް މެދުވެރިކޮށް މިހާތަނަށް 1000 އަށް ވުރެ ގިނަ ރިކޯޑް ޕްރޮސެސްކޮށްފިއެވެ.
ޓެކްނޮލޮޖީ މިނސްޓްރީން ބުނީ، 1000 އަށްވުރެ ގިނަ މޮޑިއުލް ޕްރޮސެސް ކުރެވުމަކީ ރާއްޖޭގެ ވިހާ މަރުވާ ރިކޯޑް ބެލެހެއްޓުމުގެ މަސައްކަތް ޑިޖިޓައިޒް ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށްވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އީ-ކައުންސިލްގެ ގެމެން މޮޑިއުލް އަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީޓީ) އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކައުންސިލްތަކުގެ އާބާދީގެ ރަޖިސްޓްރީ އާއި ގުޅޭ މަސައްކަތްތައް ހަލުވިކޮށް، ރައްކާތެރި ކަމާއެކު ހަރަދު ކުޑަކޮށް އިލެކްޓްރޯނިކް ކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހިދުމަތެކެވެ.
ގެމެން މޮޑިއުލް ބޭނުންކުރަން ފަށާފައި ވަނީ މި އަހަރުގެ ޖުލައި މަހުއެވެ. މިހާތަނަށް އައިއިރު މި މޮޑިއުލް ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީތަކެއްގައި ބޭނުންކުރަން ފަށާފައެވެ.
ކައުންސިލްތަކުން އާބާދީއާއި ގުޅޭ މައުލޫމާތު ވަކިވަކިން ކަރުދާހުގައި ބެލެހެއްޓުމުގެ ސަބަބުން ރިކޯޑްތަކުގައި އެކި މައްސަލަތައް ދިމާވުމާއި، މައްސަލަތަކުގައި ހޭދަކުރަންޖެހޭ ވަގުތާއި ހަރަދު އިންތިހާއަށް ބޮޑުވާ ކަމަށާއި، ގެމެން މޮޑިއުލުން މި މައްސަލަތަކަށް ހައްލެއް ގެނެވޭނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުންޏެވެ. އަދި މުޅި ރާއްޖެއަށް ވިހާ، މަރުވާ މީހުންގެ މައުލޫމާތު އެއް ސިސްޓަމެއްގައި ބެލެހެއްޓޭނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ސިއްހީ ހިދުމަތްދޭ އިދާރާތަކުން ގެމެން ސިސްޓަމްއަށް ވަގުތުން އެޅޭނެހެން ހުރުމުން، ހެލްތް މިނިސްޓްރީން މައުލޫމާތު ކަށަވަރުކޮށް ވަގުތުން އިސްލާހުކުރަން ފަސޭހަ ވެގެންދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.