މި ސަރުކާރުން މަސައްކަތްކުރަނީ ކުދިން ތަރުބިއްޔަތުކުރުމުގައި ދީނީ ކަންކަމަށް އަޙުލުވެރިކޮށް، ދީން ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެންވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލްސާގެ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ދިވެހިންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަން ކުރަން ޖެހޭ ބައެއް ކަމަށާއި އަދި އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި، ހެޔޮގޮތް ޤަބޫލުކުރާ ބަޔަކަށް ވުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ގުރުއާން މުބާރާތް ވަރޗުއަލްކޮށް ބާއްވަން ނިންމެވި ނިންމެވުމަށް ތައުރީފުކުރައްވާ ނައިބު ރައީސް ވިދާޅުވީ މިފަދަ މުބާރާތެއް ވަރޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ދަތި އަނދަގޫ ޙާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ.