ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.
ހޯމަ ދުވަހުގެ 09:10 ހާއިރު ހޯރަފުއްޓަށް ކާމިޔާބުކަމާއިއެކު ޓެސްޓު ފްލައިޓް ޖެއްސިއިރު، ގިނަ އަދަދެއްގެ ހޯރަފުށީ ރައްޔިތުން ވަނީ އެއާޕޯޓް ސަރަހައްދުގައި ޓެސްޓު ފްލައިޓްއަށް މަރުހަބާ ކިޔާފައެވެ.
ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އެމްޓީސީސީގެ އިސްފަރާތްތަކާއި ރަށު ކައުންސިލްގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
ހޯރަފުށި އެެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، އެއަރޕޯޓު ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުއެވެ.
ހޯރަފުށީގައި ތަރައްގީކުރި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ މުއްދަތަށެވެ.
ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތުގައި އެމްޓީސީސީގެ މުވައްޒަފުންނާއިއެކު، އެރަށު ޒުވާނުންވަނީ ބައިވެރިވެ މަސައްކަތް އަވަސް ކުރުމަށް އެހީތެރިވެދީފައެވެ.
މި އެއަރޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާއިރު އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރީ އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެންނެވެ. މި އެއަރޕޯޓުގައި ހަދާފައިވަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެއަރޕޯޓަށް ބޭނުންވާނޭ ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާމެއް ފެނަކައިން ޤާއިމުކޮށް ކަރަންޓްގެ ހިދުމަތް ދޭން ފަށާފައި ވަނީ އޮކްޓޯބަރ 29 ވަނަ ދުވަހުއެވެ.
ހޯރަފުށި އެއަރޕޯޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ނިންމާލި ބޮޑު ފުރަތަމަ މަޝްރޫއެވެ.