ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފި އެވެ.
އެޗްއީއޯސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވީ މީގެތެރެއިން 40 މީހުންނަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯރޑްގައި ކަމަށެވެ. އަދި 7 މީހަކަށް ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 865 މީހުން އެބަތިބި އެވެ. މީގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 249 މީހަކު އެބަތިއްބެވެ.
މިވަގުތު އަތޮޅުތެރޭގައި މީހުން ދިރިއުޅޭ 7 ރަށެއްގައި 8 އެކްޓިވް ކޭސް އެއް އުޅޭކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް މިބަލީގައި 43 މީހަކު ވަނީ ނިޔާވެފަ އެވެ.