އަންނަ އަހަރަށް ލަފާކޮށް މިހާރު ހުށަހަޅާފައިވާ ބަޖެޓްގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ކުޑަކުރެވެން ހުރި ދާއިރާތައް އެބަހުރިކަމަށް ބަޖެޓް ދިރާސާކުރަމުން އަންނަ ކޮމިޓީގެ މުޣައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީން ކުރަމުން އަންނައިރު މިހާތަނަށް އައިިއިރު ކޮމިޓީން ވަނީ ގިނަ މުއައްސަސާތަކަކާ ބައްދަލުކޮށްފަ އެވެ. މީގެތެރޭގައި ގިނަ މިނިވަން މުއައްސަސާތަކެއްވެސް ހިމެނެ އެވެ.
ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޝިޒް ވިދާޅުވީ މިހާތަނަށް ކޮމިޓީން ބައްދަލުކުރި މިނިވަން މުއައްސަސާތަކުން އެމުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ޤާނޫނުން މަތިކޮށްފައިވާ ކަންކަން ނުވާނެކަމަށް ބުނެފައިވާކަމަށެވެ. އިންފޮރމޭޝަން ކޮމިޝަނަރ އޮފީސް ނޫން ހުރިހާ މިނިވަން މުއައްސަސާއަކުންވެސް ބުނެފައިވަނީ އެމުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ކަންކަން ނުވާނެ ކަމަށް ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒް ވިދާޅުވީ އެއްވެސް އަހަރެއްގައި މިނިވަން މުއައްސަސާތަކަށް ބޭނުންވާ އަދަދަށް ބަޖެޓް ދެވިފައިނުވާކަމަށެވެ. އަދި މިހާރުގެ މިއިގްތިޞާދީ ހާލަތާއެކު ބަޖެޓް އިތުރުކޮށްފިނަމަ އެހިސާބުން ދަރަނިވެސް ބޮޑުވެގެންދަނީ ކަމަށާއި އެހެންކަމުން ބަޖެޓް ދިރާސާކުރުމުގެ ކަންކަން ކޮމިޓީން ކުރިޔަށްގެންދާއިރު ޒިންމާދާރުކަމާއެކު ވަކި މިނެއްގައި ހިފަހައްޓައިގެން އެކަންކަން ކުރިޔަށް ގެންދާކަމަށް ނާޝިޒް ވިދާޅުވި އެވެ.
މައިގަނޑުގޮތެއްގައި މިނިވަން މުއައްސަސާތަކުން ކޮމިޓީގައި ފާހަގަކޮށްފައިވަނީ މުވައްޒަފުން ތަމްރީން ކުރުމަށް ބަޖެޓް ނެތުމާއި އެކިކަންކަމަށް ދަތުރުކުރުމުގެ ބައިގައި ބަޖެޓް ކުޑަވުންކަމަށް ނާޝިޒް ވިދާޅުވި އެވެ. އެކަންކަމަށް ބަލާއިރު މުވައްޒަފުން ތަމްރީންކުރުމުގައި މުއައްސަސާތަކަށް މައި އެއްތާކުން އެކަން ކުރެވިދާނެކަމަށް ނާޝިޒް ވިދާޅުވި އެވެ.
މުވައްޒަފުން ތަމްރީންކުރުމުގެ ކަންކަމުގައި ކޮންމެ ބަޔަކު ވަކިން މުވައްޒަފުން ތަމްރީން ކުރުމުގެ ބަދަލުގައި ސެންޓްރަލީ އެއް ފަރާތަކަށް އެއީ ޔުނިވަސިޓީންވިޔަސް، ޕްރޮގްރާމެއް ކުރިޔަށް ގެންދެވޭނެގޮތެއް، ކޮންމެ އިންސްޓިޓިއުޓްއަކުން އެއްގޮތްކޮށް ހުންނަ ކަންކަން ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދިއްޖިއްޔާ ބަޖެޓުން ބޮޑު އެއްޗެއް ސޭވްކުރެވޭނެކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު
ނާޝިޒް ވިދާޅުވީ އެއް ޚިދުމަތެއް ގިނަ މުއައްސަސާތަކުން ދެމުން އަންނަކަމަށާއި އެކަންކަންވެސް ރާވާލައިގެން ކުރިޔަށް ގެންދެވޭނަމަ އެކަމުންވެސް ބަޖެޓް ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި އެކަން ކޮމިޓީގައިވެސް މިނިވަން މުއައްސަސާތަކުން ފާހަގަކޮށްފައިވާކަމަށް ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒް ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެމްބަރުންގެ ވިސްނުމަކީ ބަޖެޓުން ޚަރަދު ކުޑަކުރެވެން ހުރި ދާއިރާތަކާއި ގުޅޭގޮތުން ބައްލަވާނެކަމަށެވެ. އަދި އެކަންކަން ރިކޮމެންޑޭޝަންގެ ގޮތުގައި ހިމަނުއްވާނެކަމަށް ނާޝިޒް ވިދާޅުވި އެވެ.