ބަޖެޓާއި މެދު އޮޑިޓް އޮފީހުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ހިލޭ އެހީއަށް އެއްގައުމަކަށް ބަރޯސާވުން ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ކޮމިޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމަށް އޮޑިޓް އޮފީހުން ވަނީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ.
އެގޮތުން ހިލޭ އެހީގެ ގޮތުގައި އަންދާޒާކޮށްފައިވާ އަދަދުގެ ހަތަރުބައިގެ ތެރެއިން ތިންބަޔަށް ވުރެ ބޮޑުބައެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެއް ގައުމަކުން ކަން އެ އޮފީހުންވަނީ ފާހަގަކޮށްފައެވެ. އަދި ދުނިޔޭގެ އިގްތިސާދު މިހާ ދަތި ދުވަސްވަރެއްގަ އެއް ގައުމަކަށް މިހާ ބޮޑަށް ބަރޯސާވާނަމަ އެ ގައުމަށް އިގްތިސާދީ ދަތި ކަމެއް ކުރިމަތިވާ ދަނޑިވަޅެއްގައި އަންދާޒާކުރި އަދަދަށް ފައިސާ ނުލިބުން އެކަށިގެންވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނަށް ނުވަތަ ގަވައިދަށް ބަދަލު ގެެނެސްގެން ނޫނީ ތަންފީޒުނުކުރެވޭ ކަހަލަ ކަންތައްތައްކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި އާމްދަނީ އިތުރުވާ ނިސްބަތައްވުރެ ދައުލަތުގެ ހަރަދު އިތުރުވެގެން ދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރަމުން އެ އޮފީހުން ބުނީ އާމްދަނީ ލިބޭ މިންވަރަށް ބަލައިގެން ދައުލަތުގެ ހަރަދުތަކަށް ކޮމިޓްވުމަކީ މުހިއްމުކަމެއް ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަލާއިރު ސަރުކާރުގެ ބަޖެޓަށް ބަރޯސާވެގެން މި ކުންފުނިތަކުގެ ހިންގުން ކުރިއަށް ގެންދާކަން ފާހަގަކޮށް މުވައްޒަފުންގެ މުސާރަ އަދި ހިންގުމުގެ ހަރަދަށް ނިސްބަތުން ބޮޑު ބައެއް ބަޖެޓަށް ބަރޯސާވެގެން ހިންގާކަމަށް ފާހަގަކުރެވޭ ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އެ ކުންފުނިތަކަށް ކެޕިޓަލް ދޫކުރާއިރު ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާ ދުރު ރާސްތާއެއްގެ ތެރޭގައި އެތަންތަނުން ސަރުކާރަށް އެކަށީގެންވާ ފައިދާއެއް ލިބޭ ގޮތަށް އެތަންތަން ހިންގުމުގެ ނިޒާމް ބައްޓަންކޮށް އެކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުން މުހިއްމު ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
އޮޑިޓް އޮފީހުން އިތުރަށް ބުނީ އަލަށް ކުންފުންޏެއް ހަދާއިރު އެކަށީގެންވާ ދިރާސާއެއް ކުރުމަށްފަހު ކުންފުނި އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމަށާއި، ބަޖެޓް ޑެފިސިޓްއަށް ބަލާއިރު ފާހަގަ ކުރެވެނީ ކޮންމެ އަހަރަކު ވެސް އެސްޓިމޭޓް ކުރާ އަދަދަށް ވުރެ އެތައް ގުނައަކަށް އެކްޗުއަލް ޑެފިސިޓް އިތުރުވެގެން ދާ ތަން ކަމަށެވެ. އަދި ސަރުކާރުގެ ދަރަނި އިތުރުވާ ސަބަބެއް ކަމަށް ބެލެވެނީ އިގްތިސާދު ހުއްޓުމުގެ ސަބަބުން އާމްދަނީ ލިބޭނެ މަގުތައް ބަންދުވުމާއެކު، ބޭރު ފައިސާ ރާއްޖެއަށް ވަނުން ހުއްޓުމާއި، ފަތުރުވެރިކަމުގެ ސިނާއަތް މަޑުޖެހުމަކަށް އައުމާއެކު ދަރަންޏަށް ބަރޯސާވާ މިންވަރު އިތުރުވުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ދަރަނި ކުޑަކުރުމަށްޓަކައި ދައުލަތުގެ އާމްދަނީ ހޯދުމަށް ރާވާފައިވާ ކަންކަން ތަންފީޒު ކުރެވޭނެ ގޮތެއް ދުރާލާ ރާވަން ޖެހޭކަމާ، އެކަންކަން މޮނިޓަރކޮށް އެކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ މުހިއްމު ކަމެއްކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ އިތުރުން ދައުލަތުގެ ވަސީލަތްތަކުގެ އުފެއްދުން ތެރިކަން އިތުރުކުރުމާއި، ބޭރުގެ މާލީ އިދާރާތަރަކާ ގައުމުތަކާ މަޝްވަރާކޮށްގެން ދައުލަތުގެ ދަރަނި ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.