ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ޒަހާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެ އަހަރު ވުމާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ހާއްސައް ކަވަރޭޖަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މިނިސްޓަރު ޒަހާ ވިދާޅުވީ، ކޮވިޑް-19ގެ ތެރޭގައި އެގްރޯއިން މައިގަނޑު ގޮތެއްގައި މަސައްކަތް ކޮށްފައިވަނީ މާލެ ސަރަހައްދުގައި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް މަޑުމަޑުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން ގޮސްފައިވާތީ، މިހާރު އެގްރޯ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން ރަށްރަށުގައި ދަނޑުވެރިންނާއެކު މަޝްވަރާ ކުރެވި، ހޮވާލެވިފައިވާ 80 ރަށުގައި ކޮންޓްރެކްޓް ފާރމިންގގެ އުސޫލްތައް ކަނޑައަޅާފައިވާ ގޮތާއި، އޭގެ މައުލޫމާތުތައް އެ ކުންފުނިން ދެމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫއެންޑީޕީގެ އެހީ ލިބިފައިވާ ސީޑްސް ޕްރޮޖެކްޓް މަސައްކަތާއެކީ ލ. އަތޮޅުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މީގެ އިތުރުން ޒަހާ ވިދާޅުވީ، ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާކަން ޔަގީން ކުރުމަށްޓަކައި އެކަމަށް މީހުން ތައްޔާރުކުރުމުމުގެ މަސައްކަތުގެ ދަށުން ތަމްރީން ޕްރޮގްރާމްތަކެއް ހިންގިފައިވާ ކަމަށެވެ. އެގޮތުން 1191 މީހުން ތަމްރީން ކުރެވި، 22 ރަށެއްގައި އެޕްރޮގްރާމް ހިންގިފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ. ހަމައެގޮތުން ރާއްޖެއިން ބޭރުންވެސް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި އެގޮތުން ޓެމިލްނާޑޫއަށް ތަމްރީން ޕްރޮގްރާމަށް ދިޔަ 6 މީހުން މިހާރު އެ ޕްރޮގްރާމް ނިންމުމަށްފަހު ރާއްޖެ އައިސް، މަސައްކަތް ކުރަމުންދާ ކަމަށްވެސް ޒަހާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި އަދި ދަނޑުވެރިކަން ކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ކަމަށެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އަޅުގަނޑުމެންވެސް ތަފާތު ގޮތަކަށް ބައްޓަން ވެގެން ގޮސްފި. މީސްމީޑިއާއާ އެކު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ، މީސްމީޑިއާ، ފޭސްބުކް އަދި ޔޫޓިއުބުގައި ދަނޑުވެރިކަމުގެ ތަފާތުު މައުލޫމާތުތައް ފޯރުކޮށްދެން މިދަނީ. ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށާއި ފަންނީ މައުލޫމާތުތައް ލިބެމުންދާނެ. މީގެއިތުރުން ހޮޓްލައިނެއްވެސް ގާއިމު ކޮށްފައިވާނެ. ހޮޓްލައިނުގެ ޒަރީއާއިން ގުޅުއްވުމުން ވެސް ދަނޑިވެރިކަމުގެ މައުލޫމާތު އަދި ގަސްގަހަށް ޖެހޭ ބަލި ބައްޔާގުޅޭ މައުލޫމާތު، ބަލި ޖެހިފައިވާނަމަ، މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތުތައް ލިބެމުންދާނެ،މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
ދަނޑުވެރިންނަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވުމާއި، އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށް ގިނަ ދަނޑުވެރިން ބުނެއެވެ.
ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އަދި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފެއްދީ މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.