ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ 2,900 އަށް ވުރެ ގިނަ މީހުންނަށް ފްރަންޓްލައިން އެލަވަންސް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 2,948 މީހުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކު ކެޓަގަރީ، މީޑިއަމް ރިސްކު ކެޓަގަރީ، އަދި ލޯ ރިސްކު ކެޓަގަރީއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުން ހައި ރިސްކް ކެޓަގަރީގައި ހިމެނޭއިރު، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި މީޑިއަމް ރިސްކު ކެޓަގަރީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭ އިރު، އެމީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.
ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ. ލޯރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކު އަދި މީޑިއަމް ރިސްކު ކެޓަގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.