ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ފުވައްމުލައް ސިޓީން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00ން މެންދުރު 12:00ށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދެވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ވައިޓް އެލަރޓް ނެރިފައިވާއިރު، ހޮނިހިރު ދުވަހުގެ ހއ.އަތޮޅުން ޅ.އަތޮޅަށް ފަތިހު 4:30ން ހެނދުނު 8:30ށް ޔެލޯ އެލަރޓް ވެސް ވަނީ ނެރިފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑީއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ ކަމަށެވެ. ރާޅުގެ އުސްމިނުގައި 3 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.