ކޮވިޑް-19 ޖެހިިގެން ހުކުރު ދުވަހު އީރާނުން ރެކޯޑް އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުކުރު ދުވަހު އެކަނިވެސް އީރާނުން ވަނީ 11،737 މީހަކު ޕޮޒިޓިވްވެ، 461 މީހަކު މި ބަލީގައި މަރުވެފައެވެ. އެއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހުގެ ގޮތުގައި ހުކުރު ދުވަސް ވަނީ ވެފައެވެ.
އީރާނުން މިހާތަނަށް 738,322 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 40,582 މީހަކު ވަނީ މަރުވެފައެވެ. އެގައުމުގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 5630 މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެޕްޓެމްބަރ މަހުގެ 2 ވަނަ ހަފްތާއަށްފަހު އީރާނުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެއާއެކު އެގައުމުގެ ހާލަތައްބަލައި ތަޖުރިބާކާރުން ވިދާޅުވެފައިވަނީ އީރާނަށް މިހާރު ކޮވިޑް-19 ތިން ވަނަ ރާޅެއް އަރާފައިވާ ކަމަށެވެ.
އީރާނުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގެ ނިއުދިއްލީގައި ވެސް މިބަލި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން ދިއްލީން ވެސް ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.
ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު، ބުރާސްފަތި ދުވަހު ރެކޯޑް އަދަދަކަށް މީހުން މަރުވެފައިވާއިރު ބުރާސްފަތި ދުވަހަކީ އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޕޮލިއުޝަން އިތުރުވުމާއި ކާރުބާރު ބޮޑުވުމުގެ ސަބަބުން އިޖްތިމާއީ ގައިދުރުކަން ނުބެހެއްޓުމުގެ އިތުރުން ބައެއް ފެސްޓިވަލްތައް ކުރިއަށްދާތީ ކަމަށެވެ.
ސެޕްޓެމްބަރު މަހު އެ ގައުމުގައި ކޭސްތައް މައްޗަށްދާން ފެށިފަހުން ދިއްލީ ފިޔަވައި އެހެން ސިޓީތަކުގައި ފެންނަ ކޭސްތަކުގެ އަދަދު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. ދިއްލީގައި ކޭސްތައް އިތުރުވަމުން އަންނަ މިންވަރު އަދިވެސް ދަނީ މަތިވަމުންނެވެ.
ދިއްލީގައި ބުރާސްފަތި ދުވަހު 104 މީހަކު ވަނީ މަރުވެފައެވެ. އަދި 7000 އަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑްކޮށްފައެވެ. ފާއިތުވި 24 ގަޑިއިރު 44000 އަށް ވުރެ ގިނަ މީހުންގެ އިންޑިއާގައި ޕޮޒިޓިވްވެފައިވެއެވެ.