ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން އދ. ދިގުރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލްގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިގުރަށުގައި ސެލްފް ސަރވިސް ބޭންކެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވާފައިވަނީ ހުކުރުދުވަހުގެ ރޭ އެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ދިގުރަށުގައި ދޭން ފެށި ބޭންކުގެ އޭޓީއެމް ހިދުމަތާއެކު، އއ. އަތޮޅުގެ ހަތަރު ރަށެއްގެ އިތުރުން ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށީގައި ވެސް ވަނީ އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ.
ބީއެމްއެލް އިން ބުނީ 24 ގަޑިއިރު ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ މި އޭޓީއެމް މެޝިންތަކުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ ކަމަށެވެ.
އެގޮތުން ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.