ރައްޔިތުން ބޭނުންވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ކަމަށާއި، އެކަން މިއަދު ކުރަމުންދާތަން ފެންނަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިޙުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހާގަ ކުރުމަށް ރާއްޖެޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވީ ދެފުއް ފެންނަ ގޮތަކަށް އަދި ކަންކަމުގައި ޖަވާބުދާރީ ކުރުވޭނެ ގޮތަކަށް ކަންކަން އޮތުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ މައްޗަށް ވައްކަމުގެ ތުހުމަތެއް ކުރެވޭނަމަ އެވާހަކަ ދެއްކުމުގެ ފުރުސަތު މިއަދު ލިއްބައިދީފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކަންކަންވެސް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ނަމަ ސަރުކާރަށް އަމާޒުވާ އެފަދަ ވާހަކަތައް ދެއްކުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށާއި، އަދި އެފަދަ ކަންކަމަށް ފިޔަވަޅުވެސް އަޅާތަން ނުފެންނަ ކަމަށެވެ.
މުޅި ދިވެހި ރާއްޖޭގެ ރައްޔިތުން މި ބޭނުންވި ޓްރާންސްޕޭރެންސީއާ އެކައުންޓެބިލިޓީއާ މިއަދު އެބަ ފެނޭ، މި ސަރުކާރާ ދިމާއަށް ވައްކަން ކުރެއޭ ބުނީމާ އެބަ ބުނެވޭ ވައްކަން ކުރިއޭ ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވެންޏާ، ނޫނިއްޔާ އެ މައްސަލަތައް ބެލޭނެ ގޮތްތައް އެބަހުރި، އަޅުގަނޑުމެންގެ ސަރުކާރަށް ނިސްބަތްވާ މެޖޯރިޓީ އޮތް މަޖިލީހަކުން އެބޭފުޅުން އަޅުގަނޑުމެން ސަރުކާރު އެކައުންޓެބަލް ކުރުވުމުގެ މަސައްކަތް އެބަ ކުރިއަަށްގެންދޭ، ކުރިންވެއްޖެއްޔާ އެވާހަކަތައް ނުދެއްކެނީ، ކުރިންވެއްޖެއްޔާ އެކަހަލަ ކަމަކަށް ފިޔަވަޅެއް ނޭޅެނީ، މިހާރު އެކަންކަން ކުރެވެމުން އެބަދޭ،އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އޭގެ އިތުރުން، އިޤްތިސާދެއް ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނާ އެއްގޮތަށްކަން ކަންކަން ދާނެ ކަމުގެ ޔަޤީންކަމެއް ވިޔަފާރިވެރިންނަށްވެސް ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެ ޔަޤީންކަން މިއަދު ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ ސިފަ ކުރެއްވިއެވެ.
އެއީ ވަރަށް މުހިއްމު ކަމެއް އަސްލު، މީގެ ކްރޑިބިލިޓީ ވަރަށް މުހިއްމު، އިޤްތިސާދެއް ކުރިއަށް ގެންދިއުމަށް ވިޔަފާރިވެރިންނަށް އެބަ ބޭނުންވޭ ޔަޤީންކަމެއް ޤާނޫނާ އެއްގޮތަށްކަން ކަންކަން ދާނީ، އެހެންވީމާ އަޅުގަނޑަށް ހީވަނީ އެއީ ޙަޤީޤަތުގައި މި ސަރުކާރުގެ ވަރަށް ބޮޑު ކާމިޔާބީއެއްހެން، އަދި ރިފޯރމްއަށް މަސައްކަތް ކުރި ހުރިހާ ބޭފުޅުން ހަމަ ސެލެބްރޭޓް ކުރަން ޖެހޭ ކަމެއް، އެ ޔަޤީންކަން ރައްޔިތުންނަށް ލިބެމުން އެބަދޭ، ދައުލަތުގެ ތެރެއިން ގޯސްވާ ފަރާތްތަކާ ދޭތެރޭގައިވެސް ރިޑްރެސް ކުރެވޭނެ މެކޭނިޒަމްއެއް ޤަބޫލު ކުރެވޭ މިންވަރަކަށް،އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތްވެސް އެމްޑީޕީގެ ބައެއް ޕާލިމެންޓް މެމްބަރުން ކުރައްވާފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށް އެފަދަ މައްސަލައެއް މަޖިލީހަށް ހުށައަޅާފައެއް ނުވެއެވެ. އަދި މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރެވެމުންދާ މަސައްކަތް ހުއްޓާލުމަށް އެއްވެސް އިރަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މީގެ ކުރިން އެއްވެސް މަޖިލީހަކުން ކޮށްފައިނުވާ މިންވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މި ކުރާ މަސައްކަތަކީ 3 ބާރު ވަކިވެފައި އޮންނަ ނިޒާމެއް ޙަޤީޤީ މާނައިގައި ފެންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.