އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ފުޅާކުރުމުގެ މަގްސަދުގައި ކޮމިޓީތައް އިންތިހާބު ކުރަން ބާއްވާ ''ސްޓިއަރިން ކޮމިޓީގެ'' އިންތިހާބު ހުކުރު ދުވަހު 14:30 ގައި ފަށާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، މާލޭގެ އިތުރުން ރަށްރަށުގައި ވޯޓުލުން ކުރިޔަށްދާނީ ހަވީރު 18:00 ހަމަޔަށް ކަމަށެވެ. މާލޭގައި ވޯޓުލުން ކުރިޔަށްދާނީ ޢިއްޒުއްދީން ސުކޫލުގައެވެ. ޕީޕީއެމް /ޕީއެންސީ ގައި ރަޖިސްޓްރީވެފައިވާ ކޮންމެ މެންބަރަކަށްވެސް އިންތިހާބުގައި ވޯޓުލެވޭނެއެވެ.
''ރާއްޖެ.އެމްވީ'' އަށް މައުލޫމާތު ދެއްވަމުން ސްޓިއަރިން ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުއާޒު ވިދާޅުވީ، ހިންގާ ކޮމިޓީތަކުގެ އިންތިހާބު ގައި 100 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާ ކަމަށެވެ. މުޅި ޖުމްލަ 18 ސަރަހައްދެއްގައި އިންތިހާބު ކުރިޔަށްދާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
އިންތިހާބުގެ ނަތިއްޖާ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ހާމަކުރާނެ ކަމަށް އިދިކޮޅުން މައުލޫމާތުދެ އެވެ. ޕީޕީއެމް/ޕީއެންސީ އިން މުޅިން އަލަށް ބާއްވާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.
ސްޓިއަރިން ކޮމިޓީގެ މައިގަނޑު މަގްސަދަކަށް ވެގެންދާނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ސަރުކާރު ޒިންމާކުރަން ރަށު ފެންވަރުގައި މަސައްކަތް ކުރުމެވެ. އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު ޕާޓީން ބުނާ ގޮތުން އެންމެ ބޮޑު އެއް އަމާޒަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމެވެ.