ކޮވިޑް-19 އަށް ސަރުކާރުން ކުރާ ހަރަދު 2.7 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ކޮވިޑް-19 ވީކްލީ ސްޕެންޑިން ދައްކާ ގޮތުން ނޮވެމްބަރ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ކަންތައްތަކަށް 1.31 ބިލިއަން ރުފިޔާ އަދި އިކޮނޮމިކް ރެސްޕޮންސްްގެ ގޮތުގައި 1.34 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ.
އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައިވާ އިރު، އެއިދާރާއިން އެކަނިވެސް 871.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.
މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާއި ގުޅިގެން 80.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 205.7 މިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީ އިން ވަނީ 37.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ފޮރިން މިނިސްޓްރީ އިން 6.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޖެންޑަރ މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 3.4 މިލިއަން ރުފިޔާ އެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން 3.3 މިލިއަން ރުފިޔާ އެވެ.
އެމްއެންޑީއެފް އިން 41.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ފުލުހުންގެ އިދާރާއިން ހަރަދުކޮށްފައި ވަނީ 23.9 މިލިއަން ރުފިޔާ އެވެ. އިމިގްރޭޝަން މެދުވެރިކޮށް އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިން 1.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.
މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ހަރަދުކޮށްފައި ވަނީ 28.9 މިލިއަން ރުފިޔާ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްހީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސް އަށް 524.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓް އަށް 198.3 މިލިއަން ރުފިުޔާ ހަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސަރވިސަސް އަށް ހަރަދުކޮށްފައި ވަނީ 155.6 މިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 އަށް ސަރުކާރުން ކުރި ހަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ހޭދަކޮށްފައި ވަނީ 203.5 މިލިއަން ރުފިޔާ އެވެ. ސަޕްލައިސް އަދި ރިކުއިސިޓްސް އަށް 90.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 80.6 މިލިއަން ރުފިޔާ އެވެ.
ދައުލަތުން ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 121.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 872.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 552.8 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 319.7 މިލިއަން ރުފިޔާ އެވެ.