މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށްގެންދިޔަ ޕްރިވިލެންސް ސަރވޭ ނުވަތަ އެންޓިބޮޑީ ސަރވޭއަށް ސާމްޕަލް ނެގުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ އެންޓިބޮޑީ ސަރވޭ ކުރިއަށް ގެންދިއުމަށްޓަކައި މާލެ ސަރަހައްދުން ސާންޕަލްތައް ނަގާ ނިމިފައިވާ ކަމަށެވެ. އަދި ސަރވޭ ކުރިއަށް ގެންދިއުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަން އެޗްޕީއޭއިން ފާހަގަކުރި އެވެ.
މިސަރވޭގެ މަސައްކަތް ނިމިފައިވާއިރު، ނަތީޖާއަށް ބެލުމަށްފަހު މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދެވިގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ސަރވޭ އެކެވެ. މި ސަރވޭގައި ޖުމްލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުންޏެވެ.
މި ސަރވޭ ކުރިއަށް ގެންދިޔައީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ.
މި ސަރވޭގެ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެއެވެ.
މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީއެވެ.