ބުދަ ދުވަހު ފުލުހުން ހުއްޓުވާފައިވާނީ ތ. ތިމަރަފުށީގައި ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރާ ދިމާކޮށް ދޭން އުޅުނު ހަމަލާއެއް ނޫން ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ރާއްޖޭގެ ބައެއް މީޑިއާތަކުގައި އެކަމުގެ މައުލޫމާތު ގެނެސްދީފައިވަނީ ކަމުގެ ހަގީގަތް ނުބަލާ ކަމަށާއި އެކަމުގެ އަސްލު އޮޅޭ ގޮތަށް މައުލޫމާތު ގެނެސްދިނުމުން ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅިފައިވާ ކަމަށެވެ.
ބުދަ ދުވަހު ފުލުހުން ހިންގާފައިވާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ އިދާރާއިން ކުރިއަށް ގެންގޮސްފައިވާނީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް، ތަންތަން ބަލާ ފާސްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން ބުނީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށާއި، މި އޮޕްރޭޝަން ކުރިއަށްދާ މިންވަރަކުން މީޑީއާތަކާއި އެ މައުލޫމާތު ހާމަކުރަމުންގެންދާނެ ކަމަށެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 7 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހަކާއި، 18 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރާއި، 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުން ބުނެފައި ވަނީ، މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި އަދި ތ. ތިމަރަފުށީގައި ކަމަށެވެ.
ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު، ސީރިއާގައި ހިންގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމުގެ ތުހުމަތުގައި ޒުވާނަކު ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ މި ވަގުތު ބަންދުގައި ހުރީ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައެވެ.
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މީހުންގެ ފުރާނައަށް ގެއްލުންދޭން ފަސްނުޖެހޭ 1،400 މީހުން ރާއްޖޭގައި އުޅެމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.