ޅ. ނައިފަރުގައި ގާއިމްކުރަމުންދާ ފެނާ ނަރުދަމާގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލު ކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލު ކުރެވިފައިވާއިރު ހަވާލު ކުރެވިގެން ގޮސްފައިވާ ސައިޓަކީ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ސައިޓެކެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ ރައިސާ ވިދާދު އަބްދުﷲ ވިދާޅުވީ ކުރިން މި މަސައްކަތް ހަވާލު ކުރެވުނީ އިންޑިއާގެ ކުންފުންޏަކާ ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ އެއްބަސްވެވުނު މުއްދަތު ހަމަވެގެން ދިޔައިރުވެސް މަސައްކަތް ނުނިމޭ ކަމަށެވެ. އަދި ތިން ފަހަރުގެ މަތިން މުއްދަތު އިތުރު ކުރެވުނު ނަމަވެސް މަސައްކަތް ނުނިންމުމުގެ ސަބަބުން އެއްބަސްވުން އުވާލީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލު ކޮށްފައިފައިވާއިރު މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ ފަސް މަސް ދުވަހުގެ މުއްދަތެކެވެ.
ވިދާދު އިތުރަށް ވިދާޅުވީ އެރަށުގައި މިހާރު ގާއިމް ކުރެވިފައިވަނީ ވަރަށް ކުރީގައި އަމިއްލަ ފަރާތަކުން ގާއިމްކުރި ނަރުދަމާގެ ނިޒާމެއް ކަމަށާ ނަމަވެސް މިހާރު އެރަށަށް ބޭނުން ވަނީ ޒަމާނީ ނަރުދަމާގެ ނިޒާމެއްކަމަށެވެ.