ހއ. ހޯރަފުށީ އެއާޕޯޓަށް މިމަހުގެ 16 ވާ ހޯމަ ދުވަހު ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފިއެވެ.
ހޯރަފުށީ އެއާޕޯޓް ތަރައްގީކޮށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވަން ހަމަޖެހިފައިވާއިރު، ހޯމަ ދުވަހު އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސަން ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ ހޯމަ ދުވަހު ފްލައިޓް ޖެއްސުމަށްފަހު އިތުރު މައްސަލައެއް ދިމާނުވާނަމަ އަންގާރަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.
އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް މިހާތަނަށް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ. އެމްޓީސީސީން ދަނީ 24 ގަޑިއިރުގައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. ނަމަވެސް 24 ގަޑިއިރު މަސައްކަތް ކުރިއަށްގެންދަނީ މުވައްޒަފުންނަށް ބުރަ ނުވާނެހެން ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް މި މަހުގެ އަށްވަނަ ދުވަހު ނިންމައި، 11 ވަނަ ދުވަހު ހުޅުވަން ކުރިން ހަމަޖެހިފައިވީ ނަމަވެސް، މިހާރު ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިން ގާއިމުކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓް މަހު ސޮއިކޮށްފައިވާއިރު، އެ މަސައްކަތް ނިންމަން ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވަނީ 80 ދުވަހުގެ މުއްދަތެކެވެ. މި އެއާޕޯޓުގައި ހަދަނީ 1،200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ.
ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީކުރުމުގެ މަޝްރޫއުގެ އަގު 198 މިލިޔަނަށް އަރާއިރު، އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީކުރުމަށް 13.8 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އާބާދީގައި 3،000 ށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދުއަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާއެކު އިހަވަންދޫން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ.