ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިޔަށް ގެންދާނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، އަންގާރަ ދުވަހު ރާއްޖެޓީވީގެ ''ފަށާއިރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމް ގައި ރައީސް ސޯލިހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބައެއް ގައުމުތަކުގެ އިތުރުން ޖަމިއްޔާތަކާއި އެކު އޮންނަ ގުޅުންތައް ކަނޑާލާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ގޮތުގައި ޔާމީންގެ ސަރުކާރުން ބޭރުގެ ގައުމުތަކާއި އެކު އޮންނަ ގުޅުން ކަނޑާލުމަކީ އެއީ ކުރެއްވި ވަރަށް ގޯސް ކަމެކެވެ.
''ޖަމިއްޔާތަކުން ވަކިވުމަކީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ރައީސް ޔާމީން ކުރެއްވި ކަމެއް''އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގުޅުން ކަނޑާލާފައިވާ ގައުމުތަކުގެ އިތުރުން ޖަމިއްޔާތަކާއި އެކު އޮންނަ ގުޅުންތައް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ، ހާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ ރާއްޖެ އަށް އެންމެ ފައިދާކުރަނިވި ގޮތަށް ކަމަށެވެ.
އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ކުރިޔަށް އޮތް ތަނުގައިވެސް ގެންދާނީ ރާއްޖޭގެ މަސްލަހަތު އިސްކޮށްގެންއިބްރާހިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ
ގައުމުތަކުގެ އިތުރުން ޖަމިއްޔާތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު އެންމެ ބޮޑު އެއް އިސްކަމެއް ދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ގުޅުން ކަނޑާލީ ކޮމަންވެލްތާއި އަލުން ގުޅުމުގެ މަސައްކަތެވެ. ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިޔައީ މި އަހަރު ފެބްރުއަރީ މަހު އެވެ.
އޭގެ އިތުރުން ގައުމުތަކާއި ކެނޑިފައި އޮތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާފަ އެވެ. އެގޮތުން ގާތްގަނޑަކަށް 80 ގައުމެއްގެ އިސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންވެސް ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގައި ފޮރިން މިނިސްޓްރީން ދަނީ ކާމިޔާބީތަކެއް ހާސިލް ކުރަމުންނެވެ. ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލުއި ފަސޭހަތަކެއް ހޯދައިދީ ދިވެހިންނަށް އެކި ގައުމުތަކުން ވިސާގެ ލުއި ފަސޭހަތަކެއްވެސް ވަނީ މިނިސްޓްރީން ވަނީ ހޯދައިދީފައެވެ.
މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަނީ އިންޑިއާއެވެ. ފާއިތުވި ދެ އަހަރު ދުވަސް ތެރޭގައި އިންޑިއާއިން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.