ހެލްތް މިނިސްޓްރީގެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ސްލޮޓަށް ޖުމްހޫރީ ޕާޓީން ނަން ހުށަހެޅި ކަމަށާއި، އެ ފުރުސަތު ދެއްވުމަށް ގާސިމް އަރިހުން އެދުމުން، އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތައް ވުރެ ގާސިމް އިސްކުރެއްވީ ގައުމުގެ މަސްލަހަތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކެބިނެޓުގެ މަގާމުގެ ބެހުމުގައި އެކި ޕާޓީތަކަށް މަގާމުތައް ދިނުމަށް އެއްބަސްވުމެއް އޮންނަ ކަމަށާއި ވަކި ހިސާބަކުން 4 މިނިސްޓްރީއެއްގެ މަގާމުތައް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. އެގޮތުން، ހެލްތް މިނިސްޓަރގެ މަގާމަށް އެމްޑީޕީގެ މެމްބަރަކު އައްޔަނުކުރެއްވި މަރުހަލާގެ ތަފްސީލް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ، އެކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި މަޝްވަރާ ކުރެއްވިކަމަށާއި ގާސިމް ބޭނުންވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް އެ ސްލޮޓް ދެއްވުމަށްކަމަށެވެ. އަދި، މަގާމަށް ޖުމްހޫރީ ޕާޓީން ބޭފުޅުންގެ ނަންތައްވެސް ފޮނުއްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަންތައް ފުނޮވުމާއި އެކު ގާސިމް އާއި އިތުރަށް މަޝްވަރާކޮށް، ސިއްހީ ދާއިރާއަކީ ވަރަށް އިސްކަމެއް ދެއްވާ ދާއިރާއެއްކަން ވިދާޅުވި ކަމަށާއި މީހަކު އައްޔަނުކުރުމަށް އެމަނިކުފާނަށް ދޫކޮށްލަދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމަށް އެދިވަޑައިގަތުމުން، ގައުމުގެ ހުރި ކަންތައްތައް އިސްލާހުކޮށް މެނިފެސްޓޯ އެންމެ ރަނގަޅަށް ތަންފީޒުކުރެވޭގޮތަކަށް ރާވައިގެން ގެންދިއުމަށް ގާސިމް ވިދާޅުވިކަމަށެވެ.
އެގޮތުން ރައީސަށް ފެންނަ ބޭފުޅަކު އެ މަގާމަށް އައްޔަނު ކުރެއްވުމަށް ގާސިމް އެދުނުކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެކަމުން ފެނިގެން ދިޔައީ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތައްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވައި ގައުމުގައި ހުރި ކަންކަން ހައްލުކުރުމަށް ގާސިމް އިސްކަން ދެއްވި ވަރު ކަމަށެވެ. އަދި އެކަމަށްޓަކައި، ޖޭޕީގެ ލީޑަރ ގާސިމަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އެންމެ ފަހުން މިދިޔަ ހެލްތް މިނިސްޓްރީގެ ކަންތަކުގައި އެއީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއް. އެކަމުގައި އަޅުގަނޑު އޮނަރަބަލް ގާސިމް އިބްރާހިމްއާއި މަޝްވަރާކުރިން. ގާސިމް ބޭނުންފުޅުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް އެ ސްލޮޓް ދެއްވަން. އަޅުގަނޑަށް ނަންތައްވެސް ފޮނުވި. ދެން ފޮނުވީމައި އަޅުގަނޑު އަނެއްކާވެސް ގާސިމްއާއި ވާހަކަ ދެއްކިން، އަޅުގަނޑު ދެންނެވިން އަޅުގަނޑަށް މިފަހަރު މިފުރުސަތު ދޫކޮށްލަ ދެއްވާށޭ. އެ ދާއިރާއަކީ ވަރަށް ކައިރިން އަޅުގަނޑު ބަލައިގެން ބަދަލުތަކެއް ގެންނަންޖެހޭ ދާއިރާއެކޭ، އެހެންވީމައި އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި އަޅުގަނޑަށް ދެއްވާށޭ. ވިދާޅުވި، މައްސަލައެއް ނެތޭ. ތިމަންނަ ބޭނުންވަނީ، ގައުމުގައި ހުރި ކަންތައްތައް އިސްލާހުކުރަން އަޅުގަނޑުމެންގެ މެނިފެސްޓޯ އެންމެ ރަނގަޅަށް ތަންފީޒުކުރެވޭ ގޮތަކަށް ކަންތައްތައް ރާވައިގެން ކުރިޔަށް ގެންދިއުމޭ. އެގޮތުން، އަޅުގަނޑަށް ފެންނަ މީހަކު އެ މަގާމަށް ލުމުގެ ފުރުސަތު ގާސިމް ދެއްވި، އަޅުގަނޑު ހިތުން އަޅުގަނޑަށް ފެނިގެން ދިޔައީ، އޮނަރަބަލް ގާސިމް އިބްރާޙިމް އެބޭފުޅާގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތައް ވުރެން ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވައި ގައުމުގައި ހުރި ކަންތައްތައް އިސްލާހުކުރަން އިސްކަން ދެއްވި ވަރު.ރައީސް ސޯލިހު
ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ކުރިން ވަކި ގޮތަކަށް އެބަސްވެފައި ހުރި ކަންތައްތައް ވެސް ބަދަލުތަކެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، މަސައްކަތްތައް ހަލުވިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކޯލިޝަންގެ ޕާޓްނަރުންގެ މަޝްވަރާއާއި އެކު ބަދަލުތައް ގެނައުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އަހުމަދު ނަސީމު އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަމީންގެ އިސްތިއުފާއާ ގުޅޭ މައްސަލަ ފެންމަތިވީ ކޮވިޑް-19 އާ ގުޅިގެން ކުރެވުނު ހަރަދުތަކުގެ އޮޑިޓް ރިޕޯޓް އާންމުކުރި ހިސާބުންނެވެ.
އަމީން އިސްތިއުފާ ދެއްވީ މިމައްސަލަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމީންއަށް އަމާޒުވެ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 24 މެމްބަރުންގެ ސޮޔާ އެކު ވައްދާފައި ވަނިކޮށެވެ.
ދުބާއީގެ އެގްޒިކިއުޓަރސް ކުންފުނިން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ނިންމާ، ހެލްތް މިނިސްޓަރ އަމީން ހިމެނި ވަޑައިގަންނަވާ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ މި މައްސަލައިގައި ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަންބުރާ ފޮނުވާލާފައެވެ. ނަމަވެސް އޭސީސީން ބުނެފައިވަނީ ދައުވާ ކުރަން ފޮނުވީ ހެކި ހުރުމުން ކަމަށާއި، މިހާރު އެމައްސަލަ އަލުން މުރާޖައާ ކުރަމުންދާ ކަމަށެވެ.