ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:18
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ހެރިޓޭޖް މިނިސްޓްރީ
ސަޤާފީ ތަރިކަ ހިމާޔަތްކުރާ ޤާނޫނު
ވޭތިވެދިޔަ ދެ އަހަރު ކުރެވުނީ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް: މިނިސްޓަރ ޔުމްނާ
ސަޤާފީ ތަރިކަ ހިމާޔަތްކުރާ ޤާނޫނުނެއް ވަނީ ފާސްކޮށްފައި
ވޭތިވެ ދިޔަ ދެ އަހަރު ކުރެވުނީ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް
މިދާއިރާގެ ބައެއް ޤާނޫނުތަކަށް އަލުން އިސްލާހު ހުށަހަޅަންޖެހޭ

ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ވޭތިވެދިޔަ ދެއަހަރުތެރޭގައި ކުރެވިފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީން ފާއިތުވި ދެ އަހަރު ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީން ގެނެސްދޭ ޚާއްސަ ކަވަރޭޖަށް މައުލޫމާތުދެއްވަމުން ޔުމްނާ ވިދާޅުވީ މި ދާއިރާގެ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތަރިކައިގެ ދާއިރާއިން ވެސް ސަޤާފީ ތަރިކަ ހިމާޔަތްކުރާ ޤާނޫނު މަޖިލީހުން ފާސްކުރައްވާ ރައީސް ވަނީ ތަސްދީގު ކުރައްވާފައި އަދި އެއާއި ގުޅޭ ޤަވާއިދުތައް މާރޗް މަހުގެ ކުރީކޮޅު ވަނީ ގެޒެޓް ކުރެވިފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެއާއި ގުޅޭ އުސޫލުތައް މިހާރު ތައްޔާރު ކުރެވެމުންދާ ކަމަށެވެ.

އޭގެ އިތުރަށް ދަރަޖަ ކުރުމާއި ގިންތި ކުރުމުގެ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް ދާދިފަހުން އޭޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެއީ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން އޭގެ މިންގަނޑުތަކަކީ ކޮބައިތޯ ބަލައި ކޮންކަހަލަ އުމުރުފުރާއަކަށްތޯ އެފެތެނީ. މިސާލަކަށް ފިލްމާއި ފޮތާއި އެއްޗިހި އާންމު ކުރުމުގެ ކުރިން އެފެތޭ އުމުރުފުރާތައް ކަނޑައެޅުމާއި މިފަދަ ކަންތައްތަކެއް މި ޤާނޫނުގައި އެކުލެވިގެން މިވަނީ.
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ ޔުމްނާ ނިލަންދެ އަތޮޅު ދެކުނުބުރީ ގެމެންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

މިނިސްޓަރ ވިދާޅުވީ ފުރަތަމަ ޑްރާފްޓް ފޮނުވާފައިވީ ނަމަވެސް އާޓްސް ޖަމުއިއްޔާތަކާއި، އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކާއި، ފަންނާނުންގެ ޚިޔާލުތައް އަދިވެސް ހޯދަމުންދާ ކަމަށެވެ. އަދި އޭޖީ އޮފީހުންނާއި މަޖިލީހުން ވެސް މި މަސައްކަތް އަދި ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރަށް ލައިބްރަރީ ޤާނޫނެއްގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި ޤައުމީ ކުތުބުޚާނާއާއި މިނިސްޓްރީ އާއި ގުޅިގެން ފުރަތަމަ ޑްރާފްޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިދާއިރާގެ ބައެއް ޤާނޫނުތަކަށް އަލުން އިސްލާހުތައްވެސް ހުށަހަޅަން ޖެހިފައި މިއޮތީ. އެގޮތުން ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ކުރިން ތައްޔާރު ކުރެވިފައި އޮތް ޤާނޫނެއް. ނަމަވެސް އެއީ އަލުން ރިވިއުކޮށް އިސްލާހު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ދަނީ.
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

މިނިސްޓަރ ވިދާޅުވީ ޤައުމީ އަރުޝީފްގެ ޤާނޫނަކީ ކުރިން އެކުލަވާލެވިފައި އޮތް ޤާނޫނެއް ނަމަވެސް މިޒަމާނާއިގުޅޭގޮތަށް ރިވިއުކޮށް އިސްލާހު ކުރުމުގެ މަރުހަލާތަކެއް ކުރިއަށްގެންދާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް