އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ލޯނު ތަޢާރަފްކޮށްފި އެވެ.
އެގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ގްރީން ލޯނެއް ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.
މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު އިންޓްރެސްޓް ރޭޓަކީ %12 އެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދު ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް ވަނީ %10 އަށް ދަށްކޮށްފަ އެވެ.
މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ %15 އަމިއްލައަށް ހަރަދު ކުރަންޖެހޭނެ ކަމަށާއި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރި އެވެ.
ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށެވެ.