ކޮވިޑް-19 ޖެހިގެން އިޓަލީގައި އަންގާރަ ދުވަހު 353 މީހުން މަރުވެފައިވާއިރު މިއީ މެއި މަހުގެ 6 ވަނަ ދުވަހުގެ ފަހުން އެގައުމުގައި އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވި ދުވަސްވިކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އިޓަލީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދިޔުމާއެކު ބޮޑުވަޒީރު ކޯންޓޭ ގެންދަވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އެޅުއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
އިޓަލީގައި ފާއިތުވި 24 ގަޑިއިރު 28،244 މީހުން ވަނީ ވައިރަސް ޖެހިފައެވެ. އޭގެކުރީ ހޯމަ ދުވަހު އެގައުމުގައި އަލަށް ވައިރަސް ޖެހިފައިވަނީ 22،253 މީހުންނަށެވެ. މިހާތަނަށް އައިއިރު އިޓަލީގައި މިބަލީގައި 39،412 މީހުން ވަނީ މަރުވެފައެވެ.
އިޓަލީގައި އަލަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މުޅި ގައުމުގައި ރޭގަނޑު 10ން ފެށިގެން ފަތިހު 5ށް ކާފިއު އިއުލާންކުރުމާއި މިޔުޒިޔަމް ތަކާއި އެކްސްހިބިޝަންތައް ބަންދުކުރުމެވެ.
މިފިޔަވަޅުތައް ބުދަ ދުވަހު އަޅާނެކަމަށާއި އަދި ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހާ ހަމައަށް މިފިޔަވަޅުތައް ދެމިއޮންނާނެ އެވެ. މީގެއިތުރުން އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި ފިޔަވަޅުތަކެއް އެޅި ބަރތަކާއި ، ރެސްޓޯރެންޓް އަދި ފިހާރަތައްވެސް ބަންދުކުރާނެ ކަމަށް ބެލެވެ އެވެ.
ޖިމްތަކާއި ސިނަމާތަކާއި ތިއޭޓަރތައް މިހާރުވެސް އިޓަލީގައި ވަނީ ބަންދުކޮށްފައެވެ. އަދި ބަރތަކާއި ރެސްޓޯރެންޓްތައް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 ޖަހާއިރު ބަންދުކުރަންޖެހެ އެވެ. އަދި އެއްވެސް ގެޔެއްގައި 6 މީހުންނަށްވުރެ އިތުރަށް މީހުން ބައިވެރިކޮށްގެން އެއްވެސް ހަރަކާތެއް ބޭއްވުން މަނާއިރު ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ކޮވިޑް-19 ގެ ހާލަތު މިފަހަރުވެސް އެންމެ ގޯސް ސަރަހައްދުގެ ގޮތުގައި ބެލެވިފައިވަނީ މީގެކުރިންވެސް ހާލަތު ގޯސްވެގެންދިޔަ ލޮމްބާރޑީ އާއި މިލާން ސަރަހައްދެވެ.
ސަރުކާރުން އަދި މިހާތަނަށް ފިޔަވަޅުތައް ވަރުގަދަ ކުރާނެ ސަރަހައްދުތައް ހާމަކޮށްފައެއްނުވެ އެވެ.
އިޓަލީގެ ބޮޑުވަޒީރު ގެންދަވަނީ އަލުން ލޮކްޑައުންއަކަށް ނުގޮސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރައްވަމުންނެވެ. އެއީ ލޮކްޑައުންގެ ސަބަބުން އިޓަލީގެ އިގްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީއެވެ. އިޓަލީގެ އިގްތިޞާދު ވަނީ 9 އިންސައްތަ މިދިޔަ އަހަރާ އަޅާބަލާއިރު ދަށަށްގޮސްފައެވެ.