ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތް ލޮކްޑައުން ކުރަން ނިންމާފައިވާއިރު، ލޮކްޑައުނުގައި ފުޓްބޯޅަ އިސްތިސްނާކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އިނގިރޭސިވިލާތް އިތުރު ލޮކްޑައުންއަކަށް ދިއުމަށް ނިންމާފައިވާކަން އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޖޯންސަން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލޮކްޑައުނަކަށް ދިއުމަށް އެގައުމުން ނިންމާފައިވާ ކަމަށާއި، އެހެންކަމުން ރެސްޓޯރެންޓުތަކާއި ފިހާރަތަކުގެ އިތުރުން ގައުމުގެ ބޯޑަރުވެސް ކުރިއަށް އޮތް ހަތަރު ހަފުތާއަށް ބަންދުވާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި އެއްވެ އުޅުން މަނާވާނެ ކަމަށާއި ގެއިން ބޭރަށް ނުކުމެ ހެދޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަކު މި ލޮކްޑައުނުގައި އެ ގައުމުގެ ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތައް ހުޅުވާއިރު، ކުޅިވަރުގެ ތެރެއިން އެންމެ މަތީ ޑިވިޝަންތަކުގެ ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އިތުރު ލޮކްޑައުނަކަށް ދިޔުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށާއި، އެކަމަކު ކޮވިޑް-19 ގެ ހާލަތު އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިނާއި ފްރާންސް އަދި ޖަރުމަނުގައިވެސް ގޯސްވަމުން އަންނަ ކަމަށެވެ.
އެހެންކަމުން ވައިރަހުގެ ބިރު އޮތް މި ދަނޑިވަޅުގައި ހަމައެކަނި ފުޓްބޯޅަ އިސްތިސްނާވުން އެއީ އޭނާ ދެކޭ ގޮތުގައި ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެކަމަކު ކުޅެން ހުއްދަ އޮތީމަ ކުޅެން ބޭނުންވާ ކަމަށެވެ.
އިނގިރޭސި ޕްރިިމިއާ ލީގުގެ ގިނަ ޓީމުތައް މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު، ސިޓީ މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ. އެ ޓީމު މި ވަގުތު ލީގުގެ 10 ވަނައިގައި އޮތީ 11 ޕޮއިންޓާއެކުއެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ސިޓީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތް ލޮކްޑައުނަކަށް ދާއިރު، ދާދި ފަހުން ޖަޕާނާއި ފްރާންސްވެސް ވަނީ ލޮކްޑައުނަކަށް ދިޔުމަށް ނިންމާފައެވެ. އެކަމަކު އެ ދެ ގައުމުގައިވެސް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.