އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ފަސޭހަކަމާއެކު ލީޑްސް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ދެވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ލެސްޓާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ލެސްޓާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާވީ ބާންސްއެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ޔޫރީ ޓީލެމެންސް ވަނީ ލެސްޓާއަށް މެޗުގައި ލީޑޫ ފުޅާކޮށްދީފައެވެ.
އެކަމަކު ދެވގަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލީޑްސްއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް ޑަލަސްއެވެ. މެޗުގައި ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ 76 ވަނަ މިނެޓުގައި ޖެމީ ވާޑީ ކާމިޔާބުކުރި ލަނޑުންނެވެ. އަދި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޓީލެމެންސް ވަނީ ލެސްޓާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލެސްޓާ ޖެހިލީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ހަތް މެޗުން ވަނީ 14 ޕޮއިންޓް ލިބިފައެވެ. އަދި ލެސްޓާ އަތުން ބަލިވި ލީޑްސް އޮތީ ތާވަލުގެ 12 ވަނައިގައި ހަތް މެޗުން 10 ޕޮއިންޓާއެކުއެވެ.