ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 20:21
މީގެ ކުރިން ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރާ ބެހޭ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މީގެ ކުރިން ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރާ ބެހޭ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން
ހަސަން ލަތީފުގެ އިސްލާހަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު އިސްލާހެއް: ކުޅިވަރު އެސޯސިއޭޝަންތައް
ހަސަން ލަތީފް ވަނީ ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައި
ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން
އޮލިމްޕިކް މޫވްމަންޓުން ދިވެހިރާއްޖެ ސަސްޕެންޑް ވެގެންދާނެކަން އެގެން އެބައޮތް

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކާ ގުޅިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.

2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުންވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ނެރުނު ބަޔާނެއް ކުޅިވަރާ ބެހޭ ވަޒީރު ވަނީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. މި ބަޔާނުގައި ބުނީ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާ އާއި މަސައްކަތްތައް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، އެންމެހައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރަމުންދާ ދަނޑިވަޅެއްގައި ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކީ އިންޓަނޭޝަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޗާޓަރުގެ 27.5 އަދި 27.6 މާއްދާއާ ޚިލާފު އިސްލާހެެއް ކަމަށެވެ.

އެގޮތުން މި އިސްލާހު ރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައުން ވެގެންދާނީ އޮލިމްޕިކް ޗާޓަރުގެ 27.9 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށް ކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން އެ ޗާޓަރުގެ 59 ވަނަ މާއްދާއިން ކަނޑައަޅާފައިވާ، އޮލިމްޕިކް މޫވްމަންޓުން ދިވެހިރާއްޖެ ސަސްޕެންޑް ވެގެންދާނެކަން އެ މާއްދާތަކުން ސާފުކޮށް އެގެން އޮތުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

ހަސަން ލަތީފުގެ އިސްލާހުތަކަށް ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރިއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް ވަނީ ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މަޙްލޫފް މިހެން ވިދާޅުވިއިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ދެ އެސޯސިއޭޝަނެއްގެ އިންތިޚާބާ ގުޅިގެން ވަނީ ސަސްޕެންޝަނުގެ އިންޒާރު އައިސްފައެވެ. އެގޮތުން މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއެކު ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބުނެ އިންޒާރު ދިނެވެ. އަދި ފަހުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މައްސަލަ ކޯޓުން ބަލަން ފެށުމާއެކު ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދިނެވެ.

- ކޮމެންޓް