އަލުން އަނބުރާ ބާސެލޯނާއަށް ބަދަލުވުމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ މިހާރު ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބާސާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. މީގެ ކުރިން އަނބުރާ ބާސާއަށް ބަދަލުވާން ބޭނުންވާ ކަމަށް ނޭމާ ވަނީ ހާމަކޮށްފައެވެ. އެއާއެކު ބާސާއިން ވަނީ ނޭމާ އަނބުރާ ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ. އެކަމަކު ނޭމާ އަނބުރާ ގެނައުމުގެ މަސައްކަތުގައި ބާސާއިން މީގެ ކުރިން ބަލި ގަބޫލުކުރީ ޕީއެސްޖީން ނޭމާ ވިއްކަން ކީ އަގު ބޮޑުވުމުންނެވެ.
ބާސާގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެފައިވާއިރު، އަލުން އަނބުރާ ބާސާއަށް ބަދަލުވާން ނޭމާ މިހާރު ބޭނުންނުވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ބާސާގެ ހާލަތު ގޯސްވެ އެ ޓީމު އަޑިއަޅާލާފައިވާއިރު، ދާދި ފަހުން އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ނިންމާފައިވަނިކޮށެވެ.
މީގެ ކުރިން ނޭމާ ވަނީ ބާޓޮމެއޫގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ނޭމާގެ އިތުރުން އޭނާއާ ގަތް އެކުވެރި ލިއޮނެލް މެސީވެސް ވަނީ އެތައް ފަހަރެއްގެ މަތިން ބާޓޮމެއޫގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދޭން ޖެހުނީވެސް މެސީއާ އޮތް ގުޅުން ގޯސްވެ، މެސީ ކުލަބު ދޫކޮށްލަން ނިންމި ހިސާބުންނެވެ.
ނޭމާ އާއި މެސީގެ އިތުރުން މީގެ ކުރިން ބާސާއަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއްވެސް ވަނީ ބާޓޮމެއޫއަށް ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި، ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާވެސް ހިމެނެއެވެ. އަދި ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވާން ޒަވީއަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީވެސް ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީއެވެ.
ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވާފައިވާއިރު، ބާސާގެ އައު އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.