ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ދެން އޭނާ ނުފެންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ އަކީ ބާސެލޯނާގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ އެ ޓީމަށް 2008 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމައަށް ކޯޗުކޮށްދިންއިރު، އެ ޓީމަށް 14 މުބާރާތުގެ ތަށި ހޯދައިދީފައެވެ.
ބާސާ ދޫކޮށް މީގެ ކުރިން ބަޔާން މިއުނިކަށްވެސް އިރުޝާދު ދިން ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ސިޓީއާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ބާސާގެ ރައީސް ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ޖޯސެފް މާރިއާ ބާޓޮމެއޫއަށް މީގެ ކުރިންވެސް ގާޑިއޯލާ ރައްދު ދީފައިވާއިރު، ބާޓޮމެއޫ އިސްތިއުފާ ދެއްވުމުން ބާސާގެ ކޯޗުގެ މަގާމާ ގާޑިއޯލާ އަލުން ހަވާލުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެ ވާހަކަތަކައް ރައްދި ދެމުން ގާޑިއޯލާ ބުނީ އޭނާ ބާސާގެ ކޯޗަކަށް ހުރި ވަގުތު މިހާރު ނިމިފައިވާ ކަމަށާއި، ދެން ބާސާއާ ހަވާލުނުވާނެ ކަމަށެވެ. އަދި ބާސާގެ ހާލަތު ބަދަލުކުރެވޭނެ ވަރަށް މޮޅެތި ކޯޗުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންވެސް ހިމެނޭ ކަމަށްވެސް ބުންޏެވެ.
ގާޑިއޯލާ މިހެން ބުނިއިރު، މީގެ ކުރިން އޭނާގެ އޭޖެންޓް ޖޯސެޕް މަރީއާވެސް ވަނީ ގާޑިއޯލާ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއާ އަލުން ހަވާލުވުމަކީ ނުވާނެ ކަމެއް ކަމަށް ބުނެފައެވެ.
ގާޑިއޯލާ އަންނަނީ ސިޓީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އައު ކުރަން މަޝްވަރާކުރަމުންނެވެ. ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ދާދި ފަހުން ބެއިން ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާޑިއޯލާ އެ ޓީމުގައި މަޑުކުރާނެ ކަމަށެވެ.
ގާޑިއޯލާ ސިޓީގައި މަޑުކުރާއިރު، ސިޓީން އަންނަނީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ނިމުނު ޓްރާންސްފާގައި ބާސާ ދޫކޮށްލަން މެސީ ނިންމުމާއެކު، ސިޓީން ވަނީ މެސީ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އަދި ސިޓީއަށް ބަދަލުވުމާ ގުޅޭ ގޮތުން މެސީ އޭނާއަށް ކުރިން އިރުޝާދުދިން ކޯޗު ގާޑިއޯލާއާ މަޝްވަރާކުރި ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.
އެކަމަކު ފަހުން މި ސީޒަނުގައި ބާސާގައި މަޑުކުރަން މެސީ ނިންމުމާއެކު، އަންނަ ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ސިޓީއަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.