ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 15:32
އާދީއްތަ ދުވަހުގެ ހަވީރު ޔޫވީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސާންތި ބައިވެރިވަނިކޮށް
އާދީއްތަ ދުވަހުގެ ހަވީރު ޔޫވީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސާންތި ބައިވެރިވަނިކޮށް
އެފްއޭއެމް
ސާންތި ޔޫވީގައި މަސައްކަތް ކުރުން
ޔޫވީގެ ކޯޗިންގ ޓީމަށް ސާންތި އެހީވަނީ
ސާންތި ބުނީ ޔޫވީއާއެކު މަސައްކަތް ކުރަނީ މި ވަގުތު ހުސްކޮށް ހުުރުމުން ކަމަށް
މި ފަހަރުވެސް ޔޫވީގެ ކޯޗަކަށް ހުންނާނީ މުޙައްމަދު އާދަމް

ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމުގެ އެދުމަށް އެ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޔޫވީން އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސާންތި ވަނީ އެ ޓީމުގެ ކޯޗިންގ ސްޓާފުގެ ކިޓުގައި ބައިވެރިވެފައެވެ. "ރާއްޖެޓީވީ" އިން އަހާލުމުން ސާންތި ބުނީ ޔޫވީއާއެކު މަސައްކަތް ކުރަނީ މި ވަގުތު ހުސްކޮށް ހުުރުމުން، ޔޫވީގެ ކޯޗު މުޙައްމަދު އާދަމުގެ އެދުމަށް ކަމަށެވެ. ސާންތިގެ އިތުރުން ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދުވެސް ވަނީ ޔޫވީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާންތި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް އިރުޝާދު ދީފައިވަނީ ކުލަބު އީގަލްސްއަށެވެ. އީގަލްސްއަށް ފަސް އަހަރު ކޯޗުކޮށްދިނުމަށްފަހު، 2017 ވަނަ އަހަރު ސާންތި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ. އަދި މިދިޔަ އަހަރު އެ މަގާމުން ވަކިވެ ސާންތި އިރުޝާދު ދީފައިވަނީ ބ. އޭދަފުށީ ޓީމަށެވެ.

އާދީއްތަ ދުވަހުގެ ހަވީރު ޔޫވީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސާންތި ބައިވެރިވަނިކޮށް

ސާންތި އާއެކު އާދީއްތަ ދުވަހުގެ ހަވީރު ޔޫވީން ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުން ވަނީ އައު ސީޒަނަށް ބައެއް ތަޖުރިބާކާރު ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ހިމެނެއެވެ. އަދި ޔޫވީން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއިވެސް ހޯދާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ޔޫވީން ފަރިތަކުރުންތައް ފެށިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

- ކޮމެންޓް