ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ސެލްޓަ ވީގޯ ބަލިކޮށް ރެއާލް ސޮސިއެޑާޑް ތާވަލުގެ އެއްވަނައަށް އަލުން ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ސޮސިއެޑާޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސޮސިއެޑާޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން މެންޗެސްޓާ ސިޓީ ދޫކޮށް ސޮސިއެޑާޑާ ގުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާއެވެ. އަދި އޭގެ 10 މިނެޓު ފަހުން މިކޭލް އޮޔާޒަބަލް ވަނީ ސޮސިއެޑާޑަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ސޮސިއެޑާޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމުން ޖަހާާފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަން ހޯސޭއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިއާގޯ އަސްޕާސް ސެލްޓައަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ވިލިއަން ހޯސޭ ވަނީ ސޮސިއެޑާޑުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
މި މެޗު ސެލްޓައިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ ހޯސޭ ފޮންޓަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މި މޮޅާއެކު ސްޕެނިޝް ލީގުގެ އެއްވަނައަށް ސޮސިއެޑާޑް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.