އިޓާލިއަން ލީގުގައި އަދީއްތަ ދުވަހުގެރޭ އުދިނޭޒީ ބަލިކޮށް އޭސީ މިލާނުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާނުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އުދިނޭޒީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ޑި ޕޯލެވެ.
މި މެޗުން މިލާން މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ޒްލަޓާން އިބްރަހިމޮވިޗެވެ. އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މި ލަނޑު ޖެހީ އޯވަހެޑް ކިކަކުންނެވެ.
މި މޮޅާއެކު މިލާން އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. މިލާނުގެ ފުލުން ދެވަނައިގައި އޮތް ސަސުއޯލޯއަށް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. އަދި މިލާން އަތުން ބަލިވި އުދިނޭޒީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި ހަ މެޗުން ތިން ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކޮވިޑް-19 އިން ރަނގަޅުވެ އައިސް ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު ސްޕެޒިއާ އަތުން ޔުވެންޓަސް ވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ.
ސްޕެޒިއާގެ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 4-1 ންނެވެ.
މި މެޗުގައި ޔުވެންޓަސްއިން ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އެކަމަކު މެޗުގެ 32 ވަނަ މިނެޓުގައި ޓޮމާސޯ ޕޮބޭގާ ވަނީ ސްޕެޒިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގައި ރޮނާލްޑޯ ކުޅެން އެރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ލީޑު ނަގާދީފައެވެ. އަދި 67 ވަނަ މިނެޓުގައި އޭޑްރިއަން ރަބިއޯ ޖެހި ލަނޑާއެކު ޔުވެންޓަސްއިން ލީޑު ފުޅާކުރިއިރު، ރޮނާލްޑޯ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޔުވެންޓަސް އާއި ހަތަރުވަނައިގައި އޮތް އެޓަލަންޓާއަށްވެސް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.