ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 09:13
ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 1-0 ން
ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
އާސެނަލުން ޔުނައިޓެޑް ބަލިކުރިއިރު، ޓޮޓެންހަމް ދެވަނައަށް
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 1-0 ގެ ނަތީޖާއަކުން
ޓޮޓެންހަމް މޮޅުވީ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ 14 އަހަރު ތެރޭ ލީގުގައި އާސެނަލުން ޔުނައިޓެޑުގެ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ލީގުގެ ގަދަ ހައެއްގެ ޓީމެއް އަތުން މިދިޔަ ފަސް އަހަރު ތެރޭ ރަށުން ބޭރުގައި އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ.

މި މެޗުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ހާފުގައި އާސެނަލުގެ ވިލިއަން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލުން ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ. މިއީ އޭރިއާ ތެރެއިން އާސެނަލުގެ ހެކްޓަ ބެލެރިންއަށް ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގައި ޔުނައިޓެޑުން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޯނީ ވެން ޑަ ބީކެވެ. އޭނާ ހުރަސްކޮށްދިން ބޯޅަ އާސެނަލުގެ މުޙައްމަދު އެލްނެނީ ގައިގައި ޖެހިފައި ގޯލު ދަނޑިއަށް އަމާޒުވީ އެ ޓީމުގެ ގޯލްކީޕަރު ލެނޯގެ ބޮލުގައި ޖެހިފައެވެ.

މި މެޗުން ބަލިވުމާ ކު ޔުނައިޓެޑުން މި ފަހަރު ލީގުގައި އަމިއްލަ ދަނޑު ކުޅުނު ހަތަރު މެޗު ސް ނިންމާލަން ޖެހިފައިވަނީ މޮޅެއް ނުލިބިއެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 15 ވަނައިގައި ހަ މެޗުން 7 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އަތުން މޮޅުވީ އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި ހަތް މެޗުން 12 ޕޮއިންޓާއެކުއެވެ.

ޓޮޓެންހަމާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރައިޓަން މޮޅުވީ 2-1 ން

މީގެ އިތުރުން ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 ން ބަލިވެ، ލީގުގެ އެއްވަނައަށް އަލުން އަރަން ލިބުނު ފުރުސަތު އެވަޓަނުން ނަގާލިއިރު، ޓޮޓެންހަމް ހޮޓްސްޕާ ވަނީ އާދީއްތަ ދުވަހުގެރޭ ބްރައިޓަން ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީއަކުން މި ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. މިއީ އޭރިއާ ތެރެއިން ބްރައިޓަނުގެ އެޑަމް ލަލާނާ ކޭންއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެންމެ ފުރަތަމަ މި ފައުލާ ގުޅިގެން ޓޮޓެންހަމަށް ހިލޭ ޖެހުމެއް ދޭން ރެފުރީ ނިންމި ނަމަވެސް، އޭރިއާ ތެރެއިން ލަލާނާ ފައުލް ކުރި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ނިންމުމުން، އެ ޓީމަށް ޕެނަލްޓީއެއް ދިނެވެ.

މެޗުގައި ބްރައިޓަނުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯރިގު ލަމްޕްޓީއެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެރެތު ބޭލް ކާމިިޔާބުކުރި ލަނޑުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބޭލް މި ލަނޑު ކާމިޔާބުކުރީ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުންނެވެ. މިއީ ދެވަނަ ފަހަރަށް ޓޮޓެންހަމަށް ބަދަލުވުމަށް ފަހު ބޭލް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު އެވަޓަން ފަހަތަށް ޖައްސާލައި ޓޮޓެންހަމް ތާވަލުގެ ދެވަނައަށް ޖެހިލީ ހަތް މެޗުން 14 ޕޮއިންޓާއެކުއެވެ. ތިންވަނައަށް ވެއްޓުނު އެވަޓަނަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި އެއްވަނައިގައި އޮތް ލިވަޕޫލަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް