ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކުރައްވަމުން ގެންދަވާ މަސައްކަތުން ރައީސް ޔާމީންގެ މިސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރާޢްޖޭގެ ފުރަތަމަ އަންހެން ޕީޖީގެ ހައިސިއްޔަތުން ބިޝާމް ކުރައްވަމުން ގެންދަވާ މަސައްކަތުން އަންހެނުންނަށް ލަދުވެތިކަން އިހްސާސް ކުރެވޭ ކަމަށާއި އެހެން ކަމުން އެކަމަނާ ކުރައްވާ މަސައްކަތްތައް އަމާނާތްތެރިކަމާއި އެކީ ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.
ޕީޖީ ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު ރައީސް ޔާމިން ބިރުފުޅުން އުޅުއްވަނީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިދާނެތީ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.
މިގައުމުގައި އިންސާފުން ބޭރުން ކަންތައް ކުރަމުންދަނީ މިނިވަން މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
"މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒާއި ފުއާދު ތައުފީގަށް ވަރަށް ބޮޑަށް ޝުކުރުއްޔާ، ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކެވީތީ. މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ދަންނަވަން އޮތީ މިބޭފުޅުންގެ މިސާލު ނަންގަވާށޭ" ރޮޒެއިނާ ވިދާޅުވި އެވެ.
ވައްކަމުގެ ލާރި ގޯނިތައް ކޮނޑުގައި އަޅުވައިގެން ދިޔުމަށްވުރެ ރައްޔިތުންގެ ލޯބި ހޯދުން މާރަނގަޅު ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ޤާސިމް ހައްޔަރުކޮށްގެން އުޅޭއިރު ހެކީގެ ގޮތުގައި ބުނި އިންޓެލިޖެންސް ރިޕޯޓް ބަލާލަން ބޭނުން ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ، ތަރައްގީއަކީ ވައްކަމެއް ނޫން ކަމަށާއި، އެއީ ކަރަޕްޝަނެއްވެސް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުން ގުނބޯ ހައްދައިގެން ގެންގުޅުމެއް ނޫންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"ތަރައްޤީއަކީ ވައްކަމެއް ނޫން. ކޮރަޕްޝަނެއް ވެސް ނޫން. ރައްޔިތުން ގުނބޯ ހައްދައިގެން ފެންގުޅުމެއް ނޫން. މިނިވަން ކަމާއި އެކީ ރައްޔިތުން ދޫކޮށްލުމުން ގައުމު ތަރައްޤީ ވެގެންދާތަން ރައީސް ޔާމިން އަށް ދައްކައިދޭން" ރޮޒެއިނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ މީހުން ހާޒިރުވި މާފުށީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ފާހަގަ ކުރެއްވި ގޮތުގައި ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް އެބައޮތް ކަމަށާއި ކޮންމެ ރައްޔިތެއްގެ އަތުގައި އޮތް ވޯޓް ލުމުގެ ހަތިޔާރުގެ ބޭނުން ހިފާ ރައީސް ޔާމިންއާއި ދެކޮޅަށް ވޯޓް ދެއްވުމަށް ރޮޒެއިނާ ގޮވާލެއްވި އެވެ.