ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކުލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ފަރިތަކުރުންތައް ފަށައިފިއެވެ.
ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ދީފައިވާއިރު، އީގަލްސް އާއި ޔޫވީން ފަރިތަކުރުންތައް ފެށީ އާދީއްތަ ދުވަހުގެ ހަވީރުއެވެ.
ކުރިއަށް ސީޒަނުގައިވެސް އީގަލްސްގެ ބެންޗުން ފެނިގެންދާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އައު ސީޒަނަށް އީގަލްސް ކުރިމަތިލާއިރު، އެ ޓީމަށް ކުޅެމުން އައި ސްރީ ލަންކާގެ ތަޖުރިބާކާރު ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ އެ ކުލަބު ދޫކޮށް ލަންކާގެ ޓީމަކާ ގުޅިފައެވެ. އެހެންކަމުން އީގަލްސްއިން ވަނީ ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރޭ ރެގްލީ ގެންނަން ނިންމާފައެވެ. ރެގްލީ އަދި މިހާތަނަށް ރާއްޖެ އައިސްފައިނުވި ނަމަވެސް، އޭނާގެ ރިލީޒް ލިބުނުހާ އަވަހަކަށް އެއްބަސްވުމުގެ ކަންކަން ނިމިގެންދާނެ ކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މުޅިން އަލަށް މިފަހަރު އީގަލްސް ވާދަކުރާއިރު، ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކުޅޭ އެ މެޗުގައި އީގަލްސް ނުކުންނާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މީގެ އިތުރުން އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުންވެސް ޖާގައެއް ހޯދާފައެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެ ހަވީރު ޔޫވީން ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުން ވަނީ އައު ސީޒަނަށް ބައެއް ތަޖުރިބާކާރު ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ހިމެނެއެވެ. އަދި ޔޫވީން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއިވެސް ހޯދާފައެވެ.
އައު ސީޒަނަށް ޔޫވީން ކުރިމަތިލާއިރު، މި ފަހަރުވެސް އެ ޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ ސީޒަނުގެ މެދު ތެރެއިން އެ ޓިމާ ހަވާލުވި ކޯޗު މުޙައްމަދު އާދަމެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ޔޫވީން ފަރިތަކުރުންތައް ފެށިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.