ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 11:31
އިސްމާޢީލް އީސަ (މެސީ) ގެ އިތުރުން ޔޫވީއަށް ސޮއިކުރި މުޙައްމަދު އާރިފް (ބަކާ)
އިސްމާޢީލް އީސަ (މެސީ) ގެ އިތުރުން ޔޫވީއަށް ސޮއިކުރި މުޙައްމަދު އާރިފް (ބަކާ)
އެފްއޭއެމް
އީސަ ޔޫވީއަށް ބަދަލުވުން
އީސަ ޔުނައިޓެޑް ވިކްޓަރީއަށް
އީސަ އަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރެއް
އީސަގެ އިތުރުން ބަކާގެ ސޮއިވެސް ޔޫވީން ވަނީ ހޯދާފައި

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ސޮއިކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ޔޫވީން ވަނީ އީސަގެ ސޮއި އެ ޓީމުން ހޯދިކަން ހާމަކޮށްފައެވެ.

ޓީސީގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި އީސަ އަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރެކެވެ. އެގޮތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ކެރިއަރު ފެށި އީސަ ވަނީ ވީބީ އައްޑޫ އެފްސީ އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ކުލަބު އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑްރެކްރިއޭޝަނަށްވެސް ކުޅެފައެވެ.

މީގެ ކުރިން އީގަލްސްގެ ކެޕްޓަންކަންވެސް ކުރި އީސަ ވަނީ ގައުމީ ފުޓްބޯޅަ ޓީމަށްވެސް މުހިންމު މެޗުތަކެއް ކުޅެދީފައެވެ. އެކަމަކު 2017 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި މާލޭގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލުމުން އެ ފަހަރު އީސަ ގައުމީ ފުޓްބޯޅަ ޓީމުން ބާކީކުރިއިރު، އޭނާ އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމަށް ނަގާފައިވަނީ މި އަހަރުއެވެ.

ޔޫވީން ކުރިއަށް އޮތް ސީޒަނަށް އީސަގެ ސޮއި ހޯދިއިރު، އެ ޓީމުން މީގެ ކުރިން ވަނީ ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ ސޮއިވެސް ހޯދާފައެވެ. އަދި އެ ޓީމުން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއިވެސް ހޯދާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އާދީއްތަ ދުވަހުގެ ހަވީރު ޔޫވީން ފަރިތަކުރުންތައް ފަށާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް