ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 10:20
ލިވަޕޫލާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ން
ލިވަޕޫލާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލް އެއްވަނައަށް، ޗެލްސީއަށް ފަސޭހަ މޮޅެއް
ވެސްޓް ހޭމް އަތުން ލިވަޕޫލް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން
ބާންލީ އަތުން ޗެލްސީ މޮޅުވީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ރިކޯޑަކާ ހަމަކޮށް ލީގުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ވަނީ ފަހަތުން އަރައި 2-1 ން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ލީގުގައި ބަލިނުވެ 63 މެޗު ހަމަކޮށް، އެ ކުލަބުގެ ރިކޯޑާ ހަމަކޮށްފައެވެ.

ލިވަޕޫލްް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ވެސްޓް ހޭމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕަބްލޯ ފޯނާލްސްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. މިއީ އޭރިއާ ތެރެއިން ސަލާހަށް ވެސްޓް ހޭމުގެ އާތޫރް މަސުއަކޫ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުގެ ޑިއޯގޯ ޔޮޓާ ކުޅެން އެރިއިރު، އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 78 ވަނަ މިނެޓުގައި ޔޮޓާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އެއީ ޔޮޓާ އެ ލަނޑު ޖެހުމުގެ ކުރިން ލިވަޕޫލުގެ ސަޑިއޯ މާނޭ ވެސްޓް ހޭމުގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީއަށް ފައުލްކުރި ކަމަށް ނިންމުމަށްފަހުއެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ޒެރްޑަން ޝަގީރީ ދިން ޕާހަކުން ޔޮޓާ ވަނީ ލަނޑެއް ޖަހާ މި މެޗުން ލިވަޕޫލް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ލިވަޕޫލް އެއްވަނައަށް ޖެހިލީ ހަތް މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު ދެވަނައިގައި އޮތް އެވަޓަން އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިނަމަ، އެ ޓީމަށް އަލުން އެއްވަނައަށް އެރޭނެއެވެ.

ބާންލީ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-0 ން

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ރަށުން ބޭރުގައި ބާންލީ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 26 ވަނަ މިނެޓުގައި ހަކީމް ޒިޔެކް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ކާޓް ޒޫމާ ޗެލްސީއަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ހަތް މިނެޓު ފަހުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ޓިމޯ ވާނާއެވެ.

ރޭގެ މެޗުގައިވެސް ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ކޮޅަށް ލަނޑެއް ވަދެފައިނުވާއިރު، ޗެލްސީއަށް މިހާތަނަށް މެންޑީ ކުޅެދިން ހަ މެޗުން އޭނާ ކޮޅަށް ވަނީ އެންމެ ލަނޑެކެވެ.

ބާންލީ އަތުން ހޯދި މޮޅާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތް މެޗުން 12 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އަތުން ބަލިވި ބާންލީ އޮތީ ފުލުގައި ހަ މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް