ކަނޑިންމަ ރިސޯޓުން 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވާގޮތުގައި، ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ވަނީ ޕްޒިޓިވް ވެފަ އެވެ.
މީގެއިތުރުން އެޗްއީއޯސީން ބުނެފައިވަނީ، އެރިސޯޓްގައި ތިބި މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި ކޮންޓެކްޓް ޓްރޭސިންގ އާއި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެޗްއީއޯސީން ވަނީ ހޮނިހިރު ދުވަހުން ފެށިގެން ކަނޑިންމަ ރިސޯޓަށް އަރާ ފޭބުން މަނާ ކޮށްފަ އެވެ. އަދި އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީ.ސީ.އާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.
ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓުން މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރިސޯޓަށް ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ޓީމެއް ހަރަކާތްތެރިވާން ވަނީ ފަށާފަށެވެ.
ކަނޑިންމަ ރިސޯޓުން ބަލިވެގެން ހުކުރު ދުވަހު ހަވީރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ދިވެއްސަކު ވަނީ ހުކުރު ދުވަހުގެރޭ މަރުވެފައެވެ. އުމުރުން 60 އަހަރުގެ އެ މީހާގެ ގައިން ކޮވިޑުގެ އަލާމާތްތައް ހުރުމާއި ގުޅިގެން ހެދި ޓެސްޓުތަކުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އެޗްއީއޯސީ ގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެ ކޭސްއާއި ގުޅިގެން އެ ރިސޯޓުން އިތުރު ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު ހެނދުނު ދ. އަތޮޅު ހޮސްޕިޓަލުގައި ޓީމެއް ކަނޑިންމަ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޓީމުން ގޮސް އެ ރިސޯޓުގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުން ދެނެގަނެ އިތުރު މީހުންގެ ސާމްޕަލްތައް ނަގަން ހަމަޖެހިފައިވާ ކަމަށެވެ.