ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 18:04
ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރެއާ ރެގްލީ
ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރެއާ ރެގްލީ
ބީއޭސީ
އީގަލްސްއަށް ގޯލްކީޕަރެއް ގެނައުން
އީގަލްސްއަށް ބްރެޒިލުގެ ގޯލްކީޕަރެއް ގެންނަނީ
އީގަލްސްއިން ބްރެޒިލުގެ ގޯލްކީޕަރެއް ގެނައުމަށް ނިންމީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ކުލަބު ދޫކޮށްލުމުން
ރެގްލީ ފާއިތުވި އަހަރުތަކުގައި ކުޅެފައިވަނީ މުޅިންވެސް ބްރެޒިލުގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް
ދީއްތަ ދުވަހު ފަރިތަކުރުންތައް ފެށުމަށް އީގަލްސްއިން ވަނީ ނިންމާފައި

ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރޭ ރެގްލީ ގެންނަން ކުލަބު އީގަލްސްއިން ނިންމައިފިއެވެ.

އީގަލްސްއިން ބްރެޒިލުގެ ގޯލްކީޕަރެއް ގެނައުމަށް ނިންމީ ސްރީ ލަންކާގެ ތަޖުރިބާކާރު ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކުރި ސުޖަން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން ގަވާއިދުން ކޮންމެ އަހަރަކު އީގަލްސްއަށް ކުޅެމުން އައި ސުޖަން ވަނީ އެ ކުލަބު ދޫކޮށް ލަންކާގެ ޓީމަކާ ގުޅިފައެވެ.

ރާއްޖޭގެ އޮންލައިން ނޫސް "މިހާރު" އަށް އީގަލްސް އޮފިޝަލަކު ވަނީ ބްރެޒިލުގެ ގޯލްކީޕަރު އަންދްރެއާ ރެގްލީގެ އެއްބަސްވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. އަދި އޭނާގެ ރިލީޒް ލިބުނުހާ އަވަހަކަށް ދެން ހުރި ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

އުމުރުން 25 އަހަރުގެ ރެގްލީ އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލުގެ ތިންވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ބަރޭ އެސްޕޯޓް ކްލޫބީއަށެވެ. ބްރެޒިލުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބޮޓަފޯގޯގެ ޔޫތު ޓީމުން ކެރިއަރު ފެށި ރެގްލީ ފާއިތުވި އަހަރުތަކުގައި ކުޅެފައިވަނީ މުޅިންވެސް ބްރެޒިލުގެ ދަށް ޑިވިޝަންތަކުގެ މުބާރާތްތަކުގައި ވާދަކުރި ކްލަބުތަކަށެވެ.

އީގަލްސްއިން ބިދޭސީ ގޯލްކީޕަރެއް ގެނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ގޯލްކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދީފައެވެ. ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން މީގެ ކުރިން 2018 ވަނަ އަހަރު އެފްއޭއެމުން ވަނީ މި އަހަރުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ ކުލަބުތުކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދާފައެވެ. އެކަމަކު އެ ނިންމުން ބަދަލުކޮށް ވަގުތީ ހުއްދައެއް ދިނީ ކޮވިޑް-19 ގެ މި ހާލަތާއެކު ކުލަބުތަކުން ބޭނުންވުމުންނެވެ.

ކުރިއަށް ސީޒަނުގައިވެސް އީގަލްސްގައި މަޑުކުރަން އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ނިންމާފައިވާއިރު، އާދީއްތަ ދުވަހު ފަރިތަކުރުންތައް ފެށުމަށް އެ ކުލަބުން ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މުޅިން އަލަށް މިފަހަރު އީގަލްސް ވާދަކުރާއިރު، ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކުޅޭ އެ މެޗުގައި އީގަލްސް ނުކުންނާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މީގެ އިތުރުން އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުންވެސް ޖާގައެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް