ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 16:30
އިސްތަންބޫލް ބަޝަކްޝެހީރް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ބްރެޒިލުގެ ތަރި ނޭމާއަށް އަނިޔާވެފައިވަނިކޮށް
އިސްތަންބޫލް ބަޝަކްޝެހީރް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ބްރެޒިލުގެ ތަރި ނޭމާއަށް އަނިޔާވެފައިވަނިކޮށް
ގެޓީ އިމޭޖަސް
ނޭމާއަށް އަނިޔާވެ ކުޅުމާ ދުރަށް
އަނިޔާގެ ސަބަބުން ނޭމާއަށް ބްރެޒިލުން ކުޅޭ މެޗުތައް ގެއްލިދާނެ
ނޭމާއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އިސްތަންބޫލް ބަޝަކްޝެހީރް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި
ނޭމާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ޕީއެސްޖީން ހާމަކޮށްފައިވަނީ އަންނަ މަހު ފަހުކޮޅު
ބްރެޒިލުން ވަނީ ނޭމާއަށް ކުޅެވޭނެ ކަމަށް ބަލައި އޭނާ ސްކޮޑުގައި ހިމަނަން ނިންމާފައި

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ ނޮވެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ކުޅޭ މެޗުތަކުގައި އޭނާއަށް ނުކުޅެވިދާނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި އިސްތަންބޫލް ބަޝަކްޝެހީރް އަތުން 2-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ. އެ މެޗުގެ 26 ވަނަ މިނެޓުގައި ނޭމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެ މެޗުގައި ލިބުނު އަނިޔާއިން ރަނގަޅުވެ ނޭމާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ޕީއެސްޖީން ހާމަކޮށްފައިވަނީ އަންނަ މަހު ފަހުކޮޅުއެވެ. ދާދި ފަހުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ އަންނަ މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ކުޅޭ މެޗުތަކުގައި ނޭމާއަށް ކުޅެވޭނެހެން ހީނުވާ ކަމަށާއި، އެކަމަކު އެ މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެކަން އެއްކޮށް ޔަގީންނުވާ ކަމަށެވެ.

ނޭމާ އަނިޔާގައި ހުރި ނަމަވެސް، ބްރެޒިލުން ވަނީ ނޭމާއަށް ކުޅެވޭނެ ކަމަށް ބަލައި އޭނާ ސްކޮޑުގައި ހިމަނަން ނިންމާފައެވެ. ބްރެޒިލް ސްކޮޑުގައި ނޭމާ ހިމަނާފައިވަނީ އަންނަ މަހުގެ 14 އާއި 17 ވަނަ ދުވަހު ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިންގ ބުރުގެ މެޗުތަކަށެވެ. ބްރެޒިލަށް ކުރިއަށް އޮތް ދެ މެޗަކީ ވެނެޒުއޭލާ އާއި އުރުގުއޭގެ މެޗެވެ.

ބައިނަލްއަގުވާމީ ބްރޭކަށް ދިއުމުގެ ކުރިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕީއެސްޖީން ތިން މެޗެއް ކުޅެން އެބައޮތެވެ. އެއީ ފްރެންޗް ލީގުގައި ނޯންޓްސް އަދި ރެނެސްއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލެއިޕްޒީގާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާއަށް އަނިޔާވިއިރު، އެޓީމަށް މި ސީޒަނުގައި ކުޅެދިން ހަ މެޗުގައި ނޭމާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް